ޚަބަރު

ވެޓެރަންސް ލީގު: އީގަލްސް ބަލިކޮށް ސްޓެލްކޯއަށް ރަނގަޅު ފެށުމެއް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުލަބު އީގަލްސް ބަލިކޮށް، ސްޓެލްކޯ ރެކްރިއޭޝަން ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. މާފަންނު ޓާފް ދަނޑުގައި ކުޅުނު މި މެޗު ސްޓެލްކޯއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ހަތްވަނަ މިނެޓުގައި ސްޓެލްކޯއިން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު ޖަހައިދިނީ ކެޕްޓަން މުޙައްމަދު ޒޮރީފެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސްޓެލްކޯއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަރީފެވެ.

މި މެޗުގައި އީގަލްސްއިން ފަރަގު ކުޑަކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޝަނީޒްއެވެ. އެކަމަކު މެޗުގެ 51 ވަނަ މިނެޓުގައި ސްޓެލްކޯއިން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޒޮރީފެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލޭ ވެޓެރަންސް ކުލަބާއި، ވިލިމާލެ ޔުނައިޓެޑާއި، ދިވެހި ސިފައިންގެ ކުލަބާއި، ޒެލޮޓުގެ އިތުރުން ހުއްރިއްޔާއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އީގަލްސް އާއި ސްޓެލްކޯގެ އިތުރުން މުއިވެޔޮ ފްރެންޑްސް ކުލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަދި ޕޮލިސް ކުލަބެވެ.

މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.