މި މަހުގެ 11 އަދި 13 ވަނަ ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާ މޯލްޑިވްސް ކްރިކެޓް ޓުއަރ 2025 ގައި ބޭނުންކުރާނީ ޕިންކް ބޯޅަ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވެއްޖެއެވެ. މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ވެޓެރަންސް ޓީމާއި އިނގިރޭސިވިލާތުގެ ހާޑްފޯޑްޝަޔަރގެ ލަޔަންސް ޓީމެވެ.
މި މެޗާއި ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ސީބީއެމްގެ ނައިބު ރައީސް އިސްހާގު ވިދާޅުވީ ދެ ދުވަހަށް ކުރިއަށްދާ މިމެޗުތަކުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ ސީނިއަރ ކްރިކެޓް ކުލަބުގެ ކުޅުންތެރިންކަމަށެވެ. އޭގެ ތެރޭގައި ޤައުމީ ޓީމަށް ކުރިން ކުޅުނު ކުޅުންތެރިންނާއި، ކުރީގެ އެކި ކުލަބުތަކުން ފާހަގަކޮށްލެވުނު ކުޅުންތެރިން މި މެޗުގައި ރާއްޖެ ތަމްސީލުކުރާނެކަމަށް އިސްހާގު ވިދާޅުވިއެވެ.
"ރާއްޖޭގެ ޓީމުގައި ހިމެނޭނީ 40 އަހަރުންމަތީގެ ކުޅުންތެރިން. ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާނެ. މޫސާ ކަލީމު، އަހުމަދު ކަލީމު ފަދަ ކުޅުންތެރިން ޓީމުގައި ހިމެނޭނެ" އިސްހާގު ފާހަގަކުރެއްވިއެވެ.
ރާއްޖެއާއި ވާދަކުރާ އިނގިރޭސި ވިލާތުގެ ޓީމުގައި ހިމެނެނީ 45 އަހަރުންމަތީގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އިނގިރޭސި ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ މަޝްހޫރު ވިކެޓް ކީޕަރ އިއާން ޖޭމްސް ގުޑް ފަދަ ތަރިންތަކެއް މިމެޗުން ފެނިގެންދާނެއެވެ.
"މި މެޗުގައި އަޅުނޑުމެން ބޭނުންކުރާނީ ޕިންކް ބޯލް. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕިންކް ބޯޅަ ބޭނުންކޮށްގެން ރަސްމީ މެޗެއް ކުޅެވޭ ފުރަތަމަ ފަހަރު" މެޗުން ފެނިގެންދާނެ ޚާއްސަކަމެއްގެ ގޮތުގައި މިކަން ފާހަގަކުރައްވަމުން އިސްހާގު ވިދާޅުވިއެވެ. ހުދު ބޯޅައަކީ އާއްމުކޮށް ވަން ޑޭ އިންޓަނޭޝަނަލް، ޓީ 20 ފަދަ ލިމިޓެޑް އޯވަރު ފޯމެޓަށް ކުޅޭ މުބާރާތްތަކުގައި ބޭނުންކުރާ ބޯޅައެއްކަމަށާއި، ޕިންކް ބޯޅައަކީ ޑޭ އެންޑް ނައިޓް ޓެސްޓް މެޗުތަކަށް ޚާއްސަކޮށް އުފައްދާފައިވާ ފަހުގެ އީޖާދެއްކަމަށްވެސް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްހާގު ތަފްސީލުކޮށްދެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޓީމު ފެނިގެންދާނީ އެއްކޮށް ހުދު ކިޓުގައި ކަމަށްވެސް އިސްހާގު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ކުޅުންތެރިން ތިބޭނީ އިރުވާ ހުދުތަކެއްހެން. ހަމަ ސީދާ ހުދު ކިޓުގަ. ވަރަށް ގިނަ ދުވަސްތަކަކަށްފަހު އަޅުގަނޑުމެންގެ ޓީމު ހުދު ކިޓުގައި މި ނުކުންނަނީ" 35 އޯވަރަށް ކުޅުމަށް ހަމަޖެހިފައިވާ މެޗާއި ގުޅޭގޮތުން އިސްހާގު ވިދާޅުވިއެވެ.
މި މެޗަށް އިނގިރޭސި ވިލާތުގެ ޓީމު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ސީބީއެމްއިން މިހާރު ދަނީ މިމެޗަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ދަނޑު ތައްޔާރުކުރުމާއި، މިދުވަސްވަރަކީ ހޫނު ދުވަސްވަރެއްކަމުން ކުޅުންތެރިންނަށް އައިސް ބާތު ލިބޭނެފަދަ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އިސްހާގު ވިދާޅުވިއެވެ.
މާލޭ ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައި މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އަދި 13 ވަނަ ދުވަހުގެ މެންދުރުކުރި 01:00 އިން ހަވީރު 05:45 އަށެވެ.