ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުގެ ގިނަ ވަގުތު 10 ކުޅުންތެރިންނާއެކު ކުޅެ، ބާސެލޯނާއިން 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ބާސެލޯނާއަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 22 ވަނަ މިނިޓުގައި އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޕައު ކުބާސީއަށް ރެފްރީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
ކުބާސީ އަށް ސީދާ ރަތް ކާޑެއް ދައްކާފައިވަނީ އެންމެ ފަހު ކުޅުންތެރިއަކަށް ހުރެ ބެންފީކާގެ ޕްވްލީޑިސް އަށް ފައުލް ކުރުމާއި ގުޅިގެންނެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމާއިއެކު ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ ޓީމަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ޑެނީ އޮލްމޯގެ ބަދަލުގައި އޭނާ ވަނީ އަރައުހޯ ކުޅެން އަރުވާފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނިޓުގައި ބާސެލޯނާއަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ރަފީނިއާ އެވެ. ބެންފީކާގެ ޑިފެންޑަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ރަފީނިއާ ލަނޑު ޖަހާފައިވާއިރު މިއީ މި ސީޒަނުގައި އޭނާ ޖެހި 25 ވަނަ ލަނޑެވެ. އަދި މި މުބާރާތުގައި ޖެހި 9 ވަނަ ލަނޑެވެ.
ބެންފީކާގެ އެންޑްރިއާ ބެލޮޓީ އަށް ޝެޒްނީ މެޗުގެ 82 ވަނަ މިނިޓުގައި ކުރި ފައުލަކާއި ގުޅިގެން ރެފްރީ ފުރަތަމަ ޕެނަލްޓީ އެއް ބެންފީކާ އަށް ދިން ނަމަވެސް ވީޑިއޯ ބެލުމަށްފަހު އޭގެ ކުރިން ބެންފީކާގެ ކުޅުންތެރިއަކު އޮފްސައިޑްގައި ހުރި ކަމަށް ނިންމާ ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މި މުބާރާތުގެ ލީގު ބުރުގައި މިދިޔަ ޖެނުއަރީ މަހު މި ދެ ޓީމު ލިޒްބަންގައި ކުޅުނު މެޗު ނިމިފައިވަނީ 5-4 ގެ ނަތީޖާއަކުންނެވެ. މި މެޗުން ވެސް ބާސެލޯނާ މޮޅުވި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރަފީނިއާ އެވެ.