ކުޅިވަރު

ރެއާލްގައި މޮޑްރިޗަށް އަންނަ ސީޒަން ޔަގީނެއް ނޫން


އަންނަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅެވޭނެކަމުގެ ޔަގީންކަން ލޫކާ މޮޑްރިޗަށް ދިނުމާމެދު ވަކި އެއްޗެއް ބުނަން އެ ކުލަބުން އުޒުރުވެރިވެއްޖެއެވެ.

އުމުރުން މިހާރު 39 އަހަރުގެ ކްރޮއޭޝިޔާ ކެޕްޓަނަކީ މި ސީޒަނުގައި ރެއާލް މެޑްރިޑްގެ ވެސް ކެޕްޓަނެވެ. އޭނާއާއެކު ރެއާލްއިން ހަދާފައިވާ އެއްބަސްވުން މި ސިޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް ގިނަ މެޗުތަކުގައި ބެންޗުގައި އިންނަން ޖެހިފައިވާއިރު އޭނާ އަށް ކުޅެން ލިބޭ މެޗުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައިވުމުން އެއްބަސްވުން އާކުރުމާމެދު ރެއާލް އަދި އެއްވެސް ވަރަކަށް ނުވިސްނަ އެވެ. ސަބަބަކީ ރެއާލް މެޑްރިޑް ވާދަކުރަންޖެހޭ ޓީމުތަކުގެ ވަރުގަދަކަމާއެކު ޒުވާން ޖޯރުހުރި ކުޅުންތެރިންނަށް ކޯޗު ކާލޯ އެންޗެލޯޓީ އިސްކަންދޭތީ އެވެ.

މޮޑްރިޗަށް އަންނަ ސެޕްޓެމްބަރު މަހު 40 އަހަރު ފުރޭނެ އެވެ. ނަމަވެސް ކުޅުން ހުއްޓާލުމުގެ ބަދަލުގައި އޭނާ ބޭނުންވަނީ ފުރުސަތު ލިބޭނެމަ ރެއާލް މެޑްރިޑުގައި މަޑުކުރާށެވެ. ނަމަވެސް މިކަން ކުޅުންތެރިޔާ އަށް ޔަގީންކޮށްދޭން ރެއާލް މެޑްރިޑް އަދި ބޭނުމެއްނުވެ އެވެ.

ރެއާލްއިން މޮޑްރިޗާއެކު މި ފަހަރުން އައިސް ހަދަމުން ގޮސްފައިވަނީ އެއް އަހަރުގެ އެއްބަސްވުމެކެވެ. ކޮންމެ ސީޒަނަށް ނިމުމާއެކު އެގްރީމަންޓް އާކުރާ ގޮތަށް އޮތް ނަމަވެސް އޭނާގެ އުމުރު މަތިވަމުންދާތީވެ އެ ޖާގަ ޒުވާން ކުޅުންތެރިއަކަށް ދިނުން މުހިންމު ކަމަށް ރެއާލްގެ ސީނިއާ މެނޭޖްމަންޓާއި ކޯޗިން ޓީމުން ވަނީ ވިސްނަން ފަށައިފަ އެވެ. ސަބަބަކީ ރެއާލްގެ މި ސީޒަނުގެ ނަތީޖާތައް މުޅިން ރަނގަޅު ނުވުމެވެ.

މި ގޮތުން ސްޕެނިޝް ސުޕަކަޕް ފައިނަލުގައިއ ވާދަވެރި ބާސެލޯނާ އަތުން ތަފާތު ބޮޑުކޮށް ބަލިވުމަކީ އެއް ސަބަބެވެ. އަދި ސްޕެނިޝް ލީގުގައި ހަތް ޕޮއިންޓްގެ ލީޑެއް ލިބިފައިވަނިކޮށް އެ ލީގު ގެއްލި ޓޭބަލުގެ ތިން ވަނަ އަށް ވެއްޓުމަކީ އަނެއް ސަބަބެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ނަތީޖާ ދަށްވުމަކީ ވެސް މިހާރު ޓީމުގައި ތިބި ކުޅުންތެރިންނާމެދު ސީރިއަސްކޮށް ވިސްނަން ޖެހުނު ސަބަބުތަކެވެ.

މޮޑްރިޗަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ވަރަށް ގާތް ކުޅުންތެރިއެކެވެ. ނަމަވެސް އައު ކޮންޓްރެކްޓް ދިނުމާމެދު ވަނީ ހިޔާލު ތަފާތުވެފަ އެވެ.