ޚަބަރު

އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ޞިއްޙީ ވަޒީރު ބައްލަވާލައްވައިފި


  • އެނދު އިތުރުކުރުމަށް ހޮސްޕިޓަލުގައި ވަކި ސަރަހައްދެއް ދަނީ ތަރައްޤީކުރަމުން

  • ޞިއްޙީ ވަޒީރު ވަނީ އައިޖީއެމްއެޗްގެ އިސްވެރިންނާ ބައްދަލުކުރައްވާފައި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗަށް 75 އެނދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ބައްލަވާލައްވައިފިއެވެ.

އެނދު އިތުރުކުރުމުގެ ގޮތުން ތަރައްޤީކުރަމުންދާ ސަރަހައްދުގެ މަސައްކަތް ޞިއްޙީ ވަޒީރު ބައްލަވާލައްވާފައިވަނީ އައިޖީއެމްއެޗްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމަކަށްފަހުއެވެ.

އައިޖީއެމްއެޗްގެ ބެޑު ކެޕޭސިޓީއަކީ ގާތްގަނޑަކަށް 350 އެނދެވެ. އައިޖީއެމްއެޗަކީ ރާއްޖޭގެ މައި ހޮސްޕިޓަލަށްވެފައި އެ ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތްދިނުމަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ އެނދުގެ ޢަދަދު މަދުވުމެވެ. އެނދު އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މި ކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް އައިޖީއެމްއެޗްގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއި އައިޖީއެމްއެޗްގެ ސްޕެޝެލިސްޓުން މެދުވެރިކޮށް އަތޮޅުތެރޭގައި ކުރިއަށްދާ އައުޓްރީޗް ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި އައިޖީއެމްއެޗްއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި އެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ސާފުކޮށް ފޯރުކޮށްދިނުމާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން އައިޖީއެމްއެޗްގެ އިތުރުން މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އައު ޚިދުމަތްތަޚާއި ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގެ މަަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އަދި އެނދު އިތުރުކޮށް ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށްފަހު މިދިޔަ އަހަރު ވަނީ ހުޅުވާފައެެވެ.