މިނިމުނު 2024ވަނަ އަހަރު 9000އަށްވުރެ ގިނަ މީހުން ލޭ ހަދިޔާކޮށްފައިވާކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމްބީއެސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ސެންޓްރަލް ބްލަޑް ބޭންކަށް 9463 މީހުން ލޭ ހަދިޔާކޮށްފައިވެއެވެ. އަދި 83 ބްލަޑް ޑޮނޭޝަން ކޭމްޕެއް ބާއްވައި އެ ކޭމްޕުތަކުން 2964 ބްލަޑް ޕައިންޓް ލިބިފައިވެއެވެ. މިދިޔަ އަހަރު 9168 ޔުނިޓުގެ ލޭ ބަލިމީހުންނަށް އަޅާފައިވެއެވެ.
މިދިޔަ އަހަރު ސެންޓްރަލް ބްލަޑް ބޭންކަށް ލިބިފައިވާ ލޭގެ 60 އިންސައްތައަކީ ޑައިރެކްޓް ޑޮނޭޝަނުން ނުވަތަ ވަކިވަކި ޕޭޝަންޓުންނަށް ހަދިޔާކޮށްފައިވާ ލެއެވެ. އަދި 25 އިންސައްތައަކީ ބްލަޑް ބޭންކުން ހަދިޔާކޮށްފައިވާ ލެއެވެ. 8 އިންސައްތަ ލެއަކީ އެހެނިހެން ގޮތްތަކުން ހަދިޔާކޮށްފައިވާ ލޭކަމަށް އެމްބީއެސްއިން ވިދާޅުވެއެވެ.
އެމްބީއެސްއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ލޭ ހަދިޔާކުރި 6587 ޑޯނަރުންގެ ހީމޮގްލޮބިން ލެވެލް ބަލައި، 6451 ޑޯނަރުންގެ ބްލަޑް ގްރޫޕް ދެނެގަނެވިފައިވެއެވެ.
ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގޮތުން މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން މިދިޔަ އަހަރު 124 ސްކޫލެއްގައި ސްކްރީނިންގ ޕްރޮގްރާމްތައް ހިންގައި، 6765 ދަރިވަރުންވަނީ ސްކްރީން ކޮށްފައެވެ. މީގެ އިތުރުން ސްކޫލް ކުދިންނާއި، ބެލެނިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭހެން ޖުމްލަ 9976 މީހުން ބައިވެރިކޮށް 122 އެވެއަރނަސް ސެޝަނެއް ބާއްވާފައިވެއެވެ.
ހަަމަމިއާއެކު، އަތޮޅުތަކުގެ ސިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ވާރޗުއަލް ޓްރެއިނިންގ ސެޝަންތަކެއްވެސް ވަނީ ބާއްވާފައެވެ. އެގޮތުން ޑޮކްޓަރުންނަށް 7 ސެޝަނާއި، ނަރުހުންނަށް 10 ސެޝަނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށް 1 ސެޝަން ބާއްވާފައިވެއެވެ.