ޚަބަރު

ޕީއެސްވީ އަތުން އާސެނަލްއަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ނެދަލަންޑްސްގެ ޕީއެސްވީއަ ދެކޮޅަށް ކުޅުނު މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.

ޕީއެސްވީގެ ފިލިޕްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލް ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކަށަވަރުވުމުގެ ފުރުސަތު ވަރަށް ބޮޑުވެފަ އެވެ. ދެވަނަ ލެގުގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އަންނަ ބުދަ ދުވަހު ކުޅޭ މެޗުން ޕީއެސްވީ އަށް ހަތް ވަރަކަށް ލަނޑު ޖެހުމަކީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ.

އާސެނަލް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 18 ވަނަ މިނިޓުގައި ޖުރިއެން ޓިމްބަރ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ތިން މިނިޓު ފަހުން އީތަން އެންވަނޭރީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގެ 31 ވަނަ މިނިޓުގައި އާސެނަލްގެ މިކޭލް މެރީނޯ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޕީއެސްވީގެ ނޯއާ ލޯންގް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.

އާސެނަލް އިން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އަދި އޭގެ މިނިޓެއް ފަހުން ލިއަންދްރޯ ޓްރޮސާޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މި މެޗުގައި އާސެނަލް އިން ޖެހި ހަވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އޮޑެގާޑް ކާމިޔާބުކޮށްދިން އިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ރިކާޑޯ ކަލަފިއޯރީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 7-1 އަށް ބަދަލުކޮށްފަ އެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އާސެނަލް އަށް ކަށަވަރުވެއްޖެ ނަމަވެސް ކުއާޓަރ ފައިނަލުގައި އެ ޓީމާއި ދެކޮޅަށް ކުޅޭނީ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.