ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފިއެވެ.
އެއްވެސް މެޗަކުން ބަލިނުވެ އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދުބާއީގައި އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި އޮސްޓްރޭލިއާ ބަލިކޮށްފައެވެ. މިއާއެކު ޕާކިސްތާނުގައި ކުޅޭ މުބާރާތަކަށްވި ނަމަވެސް މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ދުބާއީގައިކަން ވަނީ ކަށަވަރުވެފައެވެ.
ކްރިކެޓްގެ އެންމެ ކާމިޔާބު ދެ ގައުމުގެ ވާދަވެރި ކުރިމަތިލުމުގައި އިންޑިޔާވަނީ 48.1 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 267 ލަނޑު ހަދައިފަ އެވެ. މެޗުގެ ޓޮސް ދިމާވެގެން ބެޓްކުރަން އެރި އޮސްޓްރެލިޔާ އަށް 49.3 އޯވަރުގެ ތެރޭގައި އެންމެން ނުބައިވެގެން ހެދުނީ 264 ލަނޑެވެ.
އިންޑިޔާ މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ދެ ބެޓްސްމަނުންނަކީ ކެޕްޓަން ރޯހިތް ޝަރުމާ އާއު ވިރާތް ކޯލީ އެވެ. ޝަރްމާ 29 ބޯޅައިން 28 ލަނޑު ހެދިއިރު ކޯލީ ވަނީ 98 ބޯޅައިން 84 ލަނޑު ހަދައިފަ އެވެ.
އޮސްޓްރޭލިޔާ ޓީމުން އެންމެ ރަނގަޅަށް ބެޓްކުރީ 96 ބޯޅައިން 73 ލަނޑު ހެދި ސްމިތާއި 57 ބޯލައިން 61 ލަނޑު ހެދި ކަރޭ އެވެ. އިންޑިޔާއިން އެންމެ ރަނގަޅަށް އުކާފައިވަނީ ތިން ވިކެޓް ނެގި ޝާމީ އެވެ. އޮސްޓްރޭލިޔާގެ އެކިސް އާއި ޒަމްމާ ވެސް ދެ ވިކެޓް ނެގި އެވެ.
ޕާކިސްތާނުގައި މި ދިޔަ މަހުގެ 19 އިން މި މަހުގެ އަށަކަށް ކުރިއަށްދާ މުބާރާތުގެ ފައިނަލަށްދާނީ ސެމީ ފައިނަލުގެ ފަހު މެޗުގައި ނިއުޒީލޭންޑާއި ދެކުނު އެފްރިކާ ކުޅެގެން މޮޅުވާ ޓީމެކެވެ.
އިންޑިޔާ ފައިނަލަށް ދިއުމުން މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޕާކިސްތާނުގައި ފައިނަލް މެޗާއި މުބާރާތް ނިންމުމުން ނޯންނާނެ އެވެ. ސަބަބަކީ އިންޑިޔާގެ ހުރިހާ މެޗެއް ކުޅޭނީ ދުބާއީގައި ކަމަށް ހަމަޖައްސާފައިވާތީ އެވެ. އެއީ އިންޑިޔާ ސަރުކާރުން އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވަން ނިންމާފައިވާތީ އެވެ.