ޚަބަރު

އެސްއީޒެޑް ސޯލަރ މަޝްރޫޢާއެކު އިންޖީނު 8 ގަޑިއިރު ނިއްވާލިޔަސް މާލެއަށް ކަރަންޓުދެވޭނެ: ފަހުމީ


  • އިންޖީނު އަދި އަވިން އުފައްދާ ހަކަތައިން ކަރަންޓު ދެވޭނީ ސްމާޓް މީޓަރު ހަރުކޮށްގެން

  • ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް 1 އަހަރު ދުވަހުގެ ތެރޭ ނިމޭނެކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ 150 މެގަވޮޓުގެ ސޯލަރ މަޝްރޫޢާއެކު އިންޖީނުތައް 8 ގަޑިއިރު ނިއްވާލިޔަސް މާލެ ސަރަހައްދަށް ކަރަންޓުދެވި ތެލަށްކުރާ ޚަރަދު ބޮޑުތަނުން މަދުކުރެވޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ ކަރަންޓުގެ %33އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިވަޢުދާ އެއްގޮތަށް ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯންގައި އިރުގެ އަލިން 150 މެގަވޮޓުގެ ހަކަތަ އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ 150 މެގަވޮޓުގެ ސޯލަރ ޤާއިމުކުރުމާއެކު މާލެ ސަރަހައްދަށް ދުވާލު ގަޑީގައި އިންޖީނުތައް ނިއްވާލައިގެން ކަރަންޓު ދެވިދާނެ ކަމަށެވެ. އެ ގޮތުން 8 ނުވަތަ 7 ގަޑިއިރު އިންޖީނު ނިއްވާލައިގެން ތެޔޮ އެންދުމެއް ނެތި ކަރަންޓު ދެވޭނެ ކަމަށާއި މީގެ ސަބަބުން ތެލަށްކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސޯލަރ މަޝްރޫޢު ނިމުމުގެ ކުރިން އިންޖީނު ނިއްވާލައިގެން ކަރަންޓު ދިނުމުގެ މަގު ފަހިކުރުމަށް މާލެ ސަރަހައްދުގެ ގޭބިސީތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ރޯދައަށްފަހު ފެށޭނެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. ސްމާޓް މީޓަރު ހަރުކުރީމަ އެކި ވަގުތުތަކުގައި ތެލުން އަދި އަވިން އުފައްދާ ހަކަތައިން ކަރަންޓު ދިނުމުގެ މަގު ފަހިވާނީ. އަދި ސްމާޓް މީޓަރުން ރިއަލް ޓައިމްގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އެނގެން ހުންނާނެ." ފަހުމީ ވިދާޅުވިއެވެ.

ފަހުމީވަނީ މިރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ދެވޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެސްއީޒެޑްގައި ޤާއިމުކުރާ ސޯލަރ މަޝްރޫޢުގެ ދަށުން އިޢާދަކުރަނިވި ހަކަތައިން ރާއްޖޭގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް "މަގޭ ސޯލަރ" ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުގައިވެސް ދަނީ ސޯލަރ ޕީވީ ހަރުކޮށްދެމުންނެވެ. މި ކަންކަމަކީ ކޮންމެ އަހަރަކު ރާއްޖެއިން ތެލަށްކުރާ ބޮޑު ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.

ކޮންމެ މަހަކުވެސް 5 ބިލިޔަނެއްހާ ރުފިޔާ އެކި ބާވަތުގެ ތެޔޮ އެތެރެކުރުމަށް މިހާރު ރާއްޖެއިން ޚަރަދުކުރެއެވެ.