ސިއްހަތު

އައިޖީއެމްއެޗު އައިސީޔޫއިން ސެޕްޓެމްބަރުމަހު ޚިދުމަތް ދޭން ފަށަނީ


އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ނުވަތަ އައިޖީއެމްއެޗަކީ ރާއްޖޭގައި މިވަގުތު ސިއްޙީ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާ އެންމެ ބޮޑު ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން ދެއްވަމުން ގެންދަވާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އައި.ޖީއެމް.އެޗް ހޮސްޕިޓަލުން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ  އެހޮސްޕިޓަލުގެ އައިސީޔޫ ބޮޑުކުރުމުގެ ޕްރޮޖެކްޓެވެ. 

އައިސީޔޫ ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ އައިޖީއެމްއެޗްގެ އައިސީޔޫއަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށް، ދެއްވަމުން ގެންދަވާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރިޔަށްގެންދާ ޕްރޮޖެކްޓެކެވެ. އައިޖީއެމްއެޗްގެ އިމަޖެންސީ އޭރިޔާ ކުރިމަތިން އޮންނަ ޕޯޓިކޯ ސަރަޙައްދު ތަޅާލައި، އެތާނގައި މިހާރު ޢިމާރާތް ކުރަމުންދާ އައިސީޔޫ މިއަހަރުގެ ސެޕްޓެމްބަރުމަހުގެތެރޭގައި ނިންމާ ޚިދުމަތް ދެވޭނެކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. 

އައިޖީއެމްއެޗްގެ ޢިމާރާތް ކުރައްވަމުންގެންދަވާ އައިސީޔޫއާގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން  އެހޮސްޕިޓަލްގެ ޑިރެކްޓަރ އަހުމަދު މަޢުސޫމް ވިދާޅުވީ އައިސީޔޫ ހުޅުވިގެންދާއިރު އެތަން ވެގެންދާނީ ހޮސްޕިޓަލާއި ގުޅޭގޮތަށް  ޒަމާނީ ފެންވަރަށް ތައްޔާރު ކުރެވިފައިވާ ތަނެއްކަމަށެވެ.

އައިސީޔޫއަށް ބޭނުންވާ މެޝިނަރީޒްއާއި އިކުއިޕްމެންޓްސްތައް ގެނައުމަށްޓަކައި އޯޑަރ ކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. އެހޮސްޕިޓަލުން މިހާރު ޚިދުމަތް ދެއްވަމުން ގެންދަވާ އައިސީޔޫއަކީ ޖާގައިގެ ގޮތުން ކުޑަ އައިސީޔޫއެއްކަމަށާއި އަލަށް އިމާރާތް ކުރައްވާ  އައިސީޔޫގެ މަސައްކަތް ނިމުމުން، ޖާގައިގެ ގޮތުން ތަނަވަސްވެގެންދާނެކަމަށް މައުސޫމް ފާހަގަކުރެއްވިއެވެ.

އައިސީޔޫގެ މަސައްކަތް ނިންމާ މިއަހަރުގެ ސެޕްޓެމްބަރުމަހު ޚިދުމަތް ދެއްވުމަށްޓަކައި އެހޮސްޕިޓަލުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އައިސީޔޫ ތަރައްޤީ ކުރެއްވުމުގެ އިތުރުންވެސް އިތުރު ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް އައިޖީއެމްއެޗްގައި މިހާރުވެސް ކުރިޔަށް ދާކަން ފާހަގަކޮށްލެވެއެވެ.