ޚަބަރު

އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވީތީ ޖަމުޢިއްޔާގެ ޝުކުރު ރައީސަށް


  • އިސްރަށްވެހިންގެ ނާދީގެ ހިންގުން ހަރުދަނާކުރުމަށް މަޝްވަރާކުރެއްވި

  • އަމިއްލަ ޖަމިއްޔާތައް ހިންގުމަށް އޮފީސް ޖާގަ ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރުއަދާކުރައްވައިފިއެވެ.

އިސްރަށްވެހިންގެ ޖަމުޢިއްޔާއިން އެކަމަށް ޝުކުރު އަދާކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު އިސްރަށްވެހިންގެ ޖަމުޢިއްޔާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމިއްޔާގެ މެންބަރުން ވަނީ އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކި ދަތިތަކާއި މެންބަރުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އަދި އިސްރަށްވެހިންގެ ނާދީއެއް ޤާއިމުކޮށް ހުޅުވައިދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޖަމިއްޔާގެ ފަރާތުން ޝުކުރުއަދާކުރިއެވެ.

މި ބައްދަލުވުމުގައި އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެ ތަނުގައި ހިންގާ ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކޮށްފައިވެއެވެ. އަދި އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އީސުލްޖުމްހޫރިއްޔާއާ އިސްރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން ހިއްސާކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އަމިއްލަ ޖަމިއްޔާތައް ހިންގުމުގައި އެހީދިނުމަށް ވިސްނުންފުޅު ގެންގުޅުއްވާ ގޮތް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. އެ ގޮތުން ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް ޢިމާރާތް ކުރެއްވުމަކީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހި މުޖުތަމަޢަކީ ތަހުޒީބު މުޖުތަމަޢަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އިސްރަށްވެހިންގެ ޖަމިއްޔާގެ މެންބަރުންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެ ގޮތުން ރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަމަށް މެންބަރުން ވިދާޅުވިއެވެ.

މީގެ އިތުރުން މުޖުތަމަޢުގެ އާންމު އިޖުތިމާޢީ މިންގަނޑު ހަރުދަނާ ކުރުމަށާއި ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެކިއެކި މަސައްކަތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނާ ހިއްސާކުރެއްވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ޖަމިއްޔާގެ ފަރާތުން ހުށައެޅި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.