ކުޅިވަރު

ވެޓެރަންސް ލީގު: ޗެމްޕިއަން ހުޅުމާލެ ބަލިކޮށް ވިލިމާލެއަށް ރަނގަޅު ފެށުމެއް


އެފްއޭއެމް ވެޓެރަންސް ލީގު 2025 ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބު ބަލިކޮށް، ވިލިމާލެ ޔުނައިޓެޑުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ މާފަންނު ޓާފް ދަނޑުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުން ގްރޫޕް އޭގައި ހިމެނޭ ވިލިމާލެ ޔުނައިޓެޑް މޮޅުވީ ހުޅުމާލެ ވެޓެރަންސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 48 ވަނަ މިނެޓުގައި ވިލިމާލެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރިޒްނީއެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ހުޅުމާލޭ ވެޓެރަންސް އާއި، ވިލިމާލެ ޔުނައިޓެޑާއި، ދިވެހި ސިފައިންގެ ކުލަބާއި، ޒެލޮޓުގެ އިތުރުން ހުއްރިއްޔާއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ މުއިވެޔޮ ފްރެންޑްސް ކުލަބާއި، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، ކުލަބު ސްޓެލްކޯ އާއި، ކުލަބު އީގަލްސް އަދި ޕޮލިސް ކުލަބެވެ.

މުބާރާތުގެ ކޮންމެ ގްރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހެވެ.