މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން މުޅިން އަލަށް ފެށި ރަމަޟާން 7ވީ7 ލީގު 2025 ގައި ކުޅުނު ފުރަތަމަ މެޗުތަކުން މުއިވެޔޮ ޕްރެންޑްސް ކުލަބާއި ސޮކަރ ވެޓެރަންސް މޮޅުވެއްޖެއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، މިއަދުގެ މެޗުތައް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެޓެރަންސް ކެޓެގަރީގައި ހިމެނޭ މުއިވެޔޮ ޕްރެންޑްސް ކުލަބާއި މަޑިސްޓަރސްއެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ މުއިވެޔޮ ފްރެންޑްސް އިންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަަ މެޗުގައި ބައްދަލުކުރީ މާސްޓަރސް ކެޓެގަރީގައި ހިމެނޭ ސޮކަރ ވެޓެރަންސް އާއި މުއިވެޔޮ ފްރެންޑްސްއެވެ. މި މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ސޮކަރ ވެޓެރަންސް އިންނެވެ.
ޖުމްލަ 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުޅުން މިއަދު ފެށިއިރު، މި މުބާރާތް ވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށް ޚާއްސަކޮށްފައެވެ.