ތަޢުލީމު

އެމްއައިބީއާ ގުޅިގެން ވިލާއިން މަތީތަޢުލީމުގެ ފުރުސަތު ހުޅުވާލުން


އިސްލާމިކް ބޭންކުން ތަޢާރަފްކޮށްފައިވާ އެޑިއުކޭޝަން ފައިނޭންސް ޕްރޮޑަކްޓްގެ ދަށުން ވިލާ ކޮލެޖުން މަތީތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވީ އިސްލާމިކް ބޭންކުގެ މި ޚިދުމަތުގެ ދަށުން ޑިޕްލޮމާއާއި ޑިގްރީގެ އިތުރުން މާސްޓަރސް ފެންވަރުގެ ކޯސްތަކަށް ފުރުސަތު ލިބޭނެކަމަށެވެ. އަދި ސެޕްޓެމްބަރ މަހު އަލަށް އެ ކޮލެޖުގައި ކިޔަވަން ފަށާ ދަރިވަރުންނަށް އިސްލާމިކް ބޭންކުގެ އެޑިއުކޭޝަން ފައިނޭންސް ޕްރޮޑަކްޓްގެ ދަށުން ކިޔެވުމަށް މިހާރު ފުރުސަތު ހުޅުވާލާފައި ވާނެކަމަށް އަލީ ނަޖީބް ވިދާޅުވިއެވެ.

އިސްލާމިކް ބޭންކުގެ ބިޒްނަސް ޑިވެލޮޕްމަންޓް، ސީނިއާ އޮފިސަރ ނާހިދު އިދްރީސް ވިދާޅުވީ މި ޕްރޮޑަކްޓްގެ ތެރެއިން ދަރިވަރުންނަށް އެންމެ މަތީ އަދަދެއްގެ ގޮތުގައި ފައިނޭންސް ކުރުމަށް ހަމަޖެހިފައި ވަނީ 250،000 ރުފިޔާ ކަމަށާއި އެންމެ ދަށްވެގެން ފައިނޭންސް ކުރެވޭނީ 30،000 ރުފިޔާ ކަމަށެވެ. މި ޚިދުމަތް ލިބޭނީ އިސްލާމިކް ބޭންކާ އެކު އެއްބަސްވުމެއް ހަދާފައިވާ ތަނެއްގައި މަސައްކަތްކުރާ މީހަކަށް ނުވަތަ އެފަދަތަނެއްގައި މަސައްކަތްކުރާ މީހެއް ކޯ އެޕްލިކެންޓެއްގެ ގޮތުގައި ހުށައަޅައިގެން ކަމަށް ނާހިދު ވިދާޅުވިއެވެ.