ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓާލުމަށް އިސްރާއީލު ސަރުކާރުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުއްވެރިކުރައްވައިފިއެވެ.
ދިވެހި ސަރުކާރުން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއްކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައިވެއެވެ.
އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރުކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ގޮވާލާކަމަށްވެސް މި ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދާޅުވީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށެވެ.