ޚަބަރު

ރައީސްގެ ވަޢުދާއި އެއްގޮތަށް ފެން އުފެއްދުމުގެ ޤާބިލުކަން 30 އިންސައްތައަށް މިއަހަރު އިތުރުކުރެވޭނެ: މަޠީން


  • މާލޭގައި ފެން ރައްކާކުރެވޭނީ އިތުރު 1 ދުވަހަށް ވާވަރަށް

  • މާލެ ސަރަހައްދުގައި 10،000 ޓަނުގެ ފެން ރައްކާ ކުރެވޭވަރަށް ސްޓޯރޭޖް މިމަހު އިތުރުކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މާލެ ސަރަހައްދުގައި ފެން އުފެއްދޭ ޤާބިލުކަން މިހާރަށްވުރެ 30 އިންސައްތަ މިއަހަރު އިތުރުކުރެވޭނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފެނުގެ ޔަޤީންކަން ކަށަވަރުކުރުމަށް ފެން އުފައްދާ ޕްލާންޓްތަކާއި ފެން ރައްކާކުރާ ތަންތަން މާލެ ސަރަހައްދުގައި ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ފެނުގެ ޔަޤީންކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަޠީން މުޙައްމަދު ވިދާޅުވީ މިހާރު ފެން ރައްކާކުރާ ސްޓޯރޭޖް ކެޕީސިޓީއަށް ބަލާއިރު މާލޭގައި ފެން ރައްކާކުރެވޭނީ އިތުރު 1 ދުވަހަށް ވާވަރަށް ކަމަށެވެ. އަދި މިއީ ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ސަރަހައްދަކަށް އެއްގޮތަކަށްވެސް އެކަށީގެންވާ މިންވަރެއް ނޫންކަން ފާހަގަކުރައްވަމުން މަޠީން ވިދާޅުވީ މި ކަމަށް ހައްލެއް ހޯދުމަށް މާލެ ސަރަހައްދުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އަދި ހުޅުމާލޭގައި ޤާއިމުކުރާ މި ތާނގީގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެކަމަށްވެސް މަޠީން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް މަޠީން އަލިއަޅުވާލެއްވިއެވެ. އެ ގޮތުން ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ ފެން އުފައްދާ 2 ޕްލާންޓްގެ މަސައްކަތް މި އަހަރުގެ އޮގަސްޓް މަހު ނިމޭނެކަމަށް މަޠީން ވިދާޅުވިއެވެ. މި މަސައްކަތާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފާވާ ގޮތަށް މާލެ ސަރަހައްދުގައި ފެން އުފެއްދޭ މިންވަރު 30 އިންސައްތައަށް އިތުރުވާނެކަމަށް މަޠީން ވިދާޅުވިއެވެ.

މަޠީން ވިދާޅުވީ ހުޅުމާލޭގެ އިތުރުން މާލޭގައިވެސް ފެން ރައްކާކުރާ ތާނގީއެއް ޤާއިމްކުރަންޖެހޭ ކަމަށެވެ. އެހެންކަމުން 13000 ޓަނުގެ ދެ ތާނގީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"13000 ޓަނުގެ ދެ ތާނގީ ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށް ފައިނެންސިން އޮތީ ހަމަޖެހިފައި. އިދާރީ ކަންކަން ބާކީ ހުރީ. މިދިޔަ އަހަރުން ފެށިގެން މަސައްކަތް އޮޮތީ ކޮންޓްރެކްޓަރަކާ ހަވާލުކުރެވިފައި. މި ދެ ތާނގީއާއެކު މާލޭގައި މިހާރު ފެން ރައްކާކުރެވޭ އަދަދު ދެ ގުނަ ކުރެވޭނެ. ފެނުގެ ޚިދުމަތް ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެއް އެޅިގެން މިދަނީ." މަޠީން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި 10،000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓްތަކެއް ހުޅުމާލޭގައި ޤާއިމްކުރަމުން އަންނައިރު، މާލެއާއި ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. މީގެސަބަބުން މާލެއަށް ފެނުގެ ދަތިކަމެއް ދިމާވެއްޖެނަމަ ހުޅުމާލެއިން ފެން ގެނެސް މާލޭގައި ހުންނަ ގޭބިސީތަކަށް ފެން ފޯރުކޮށްދިނުމުގެ މަގު ފަހިވާނެއެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް ޤާއިމުކުރާ މި ވިއުގައިގެ މަސައްކަތް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ނިމޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.