ދުނިޔެ

ޢިރާޤު ހަނގުރާމައިގައި އިނގިރޭސިން ބައިވެރިވި މައްސަލަ ހޫނުވެއްޖެ


ޢިރާޤާ ދެކޮޅަށް އެމެރިކާ އިސްވެއޮވެ ކުރި ހަނގުރާމައިގައި އިނގިރޭސިވިލާތް ބައިވެރިވި މައްސަލަ ބަލާ ތަޙްޤީޤުކުރި ކޮމިޓީއިން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އެކަމުގައި ނިންމަވާފައިވާ ނިންމެވުންތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ. 

މިކޮމިޓީން ނެރުނު ރިޕޯޓްގައި ވަނީ ޢިރާޤާ ދެކޮޅަށް އެމެރިކާ އިސްވެއޮވެ ކުރި ހަނގުރާމައިގައި އިނގިރޭސިވިލާތް ބައިވެރިވީ ހަނގުރާމައެއްގައި ބައިވެރިވާންޖެހޭ ފަދަ ޤާނޫނީ ސަބަބުތައް ނެތިކަމަށެވެ. އަދި ޢިރާޤު ހަނގުރާމައިގެ ކަންތައް ބްލެއަރ ގެ ސަރުކާރުން ކުރިޔަށްގެންދިޔައީ އަސްކަރީ ގޮތުންވެސް ވަރަށް ދެކޮޅު ނުޖެހޭ ދޯދިޔާ ގޮތަކަށްކަމަށާ މިކަމުގެ ސަބަބުން އިނގިރޭސި ސިފައިންގެ އެތައް ބައެއްގެ ފުރާނަ ބޭކާރު ގޮތުގައި ގެއްލިފައިވާކަމަށް މިރިޕޯޓް ބުނެފައިވެއެވެ. 

ޢިރާޤާ ދެކޮޅަށް ހަނގުރާމަ ފެށުމަށްޓަކައި އެމެރިކާއާ އިނގިރޭސިވިލާތުން ފާޅުގައި ބޮޑެތި ދޮގުތަކެއް ހެދިކަން ބޭޒާރުވީ ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރުނެތްކަން އދ. އިން ކަށަވަރުކޮށްދިނުމާ ގުޅިގެންނެވެ. މިޣައިރު ގާނޫނީ ހަނގުރާމައިގެ ސަބަބުން ޢިރާޤުގެ ޢާންމުންގެ އެތައް ސަތޭކަ ހާސްބަޔަކު މަރުވެ، މުޅިޤައުމު ސުންނާފަތިވެ ދާޚިލީ ހަމަނުޖެހުންތަކެއްގެ ތެރެއަށް އެޤައުމު ވަނީ ވެއްޓިފައެވެ.