ފެނަބާޗޭގެ ކޯޗު ޖޯސޭ މޮރީނިއޯ ހަތަރު މެޗަށް ސަސްޕެންޑްކޮށް، 1.6 މިލިޔަން ތުރުކިޔޭ ލީރާއިން ޖުރިމަނާ ކޮށްފައިވަނިކޮށް އެ މައްސަލަ އޭނާ އިސްތިއުނާފުކުރުމުން އަދަބު ލުއިކޮށްފިއެވެ.
ތުރުކިޔޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި އުމުރުން 62 އަހަރުގެ މޮރީނިއޯ 4 މެޗަށް ސަސްޕެންޑް ކުރި ނަމަވެސް، މިހާރު އޭނާގެ ސަސްޕެންޝަން 2 މެޗަށް ބަދަލުކުރުމުގެ އިތުރުން، 1.6 މިލިއަން ތުރުކިޔޭ ލީރާގެ ޖުރިމަނާގެ އަދަދު ވަނީ 558,000 ލީރާ (12,200 ޕައުންޑަށް) ދަށްކޮށްފައެވެ.
މޮރީނިއޯއަށް އަދަބު ދީފައިވަނީ ލީގުގައި ފެނަބާޗޭ އާއި ވާދަވެރި ގަލަތަސަރާއީ ބައްދަލުކުރި މެޗަށްފަހު މޮރީނިއޯ ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ. އަދި އެ މެޗަށްފަހު އޭނާ ވަނީ ހަތަރުވަނަ އޮފިޝަލެއްގެ ގޮތުގައި ހުރި ތުރުކިޔޭގެ ރެފްރީއަށްވެސް ފާޑު ކިޔާފަ އެވެ. މެޗުގެ ކުރިންވެސް ރެފްރީންނަށް ފާޑު ކިއުމުގެ ސަބަބުން މި މެޗުގައި ތުރުކިޔޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ބޭނުންކޮށްފައިވަނީ ސްލޮވޭނިޔާގެ ރެފްރީ އެކެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ މެޗަށްފަހު އޭނާ ރެފްރީންގެ ކޮޓަރިއަށް ދިޔަ ކަމަށެވެ. އަދި މެޗުގެ ހަތަރުވަނަ އޮފިޝަލަކަށް ހުރި ތުރުކީގެ ރެފްރީ މެޗަށް އައުމުން ޝުކުރު އަދާކުރި ކަމަށާއި އަދި އޭނާ ރެފްރީ އަކަށް ހުރިނަމަ މި މެޗަކީ ބޮޑު ކާރިސާއަކަށް ވެގެން ދިޔައީސް ކަމަށް ބުނެފި ކަމަށެވެ.
މީގެ ކުރިން އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން ޓޮޓްނަމް ހޮޓްސްޕަރ އާއި އިޓަލީގެ ރޯމާއަށް ކޯޗުކޮށްދިން މޮރީނިއޯގެ ދިފާއުގައި ފެނަބާޗޭއިން ވަނީ ވާހަކަ ދައްކާ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.
އަދި މީގެ ކުރިންވެސް ތުރުކީގެ ރެފްރީންނަށް ފާޑު ކިއުމުގެ ސަބަބުން އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.