ކުޅިވަރު

ރެއާލް މެޗަށް ސަމާލުކަންދިނުމަށް ޓީމުގެ ކިބައިން ސިމިއޯނީ އެދެފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ތާވަލުކޮށްފައިވާ މެޗަށް ސަމާލުވުމަށް އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީ އެ ޓީމުގެ ކުޅުންތެރިންގެ ކިބައިން އެދެފިއެވެ. އެތުލެޓިކޯގެ ކޯޗު މިހެން ބުނެފައިވަނީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހުއެވެ.

ސިމިއޯނީ ބުނީ މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ އާއި ރެއާލް ބައްދަލުކުރާ މެޗަށް ނުކުންނައިރު، އެ ޓީމުގެ ފޯމު ރަނގަޅު ނަމަވެސް، ސިމިއޯނީ ވަނީ އެ މެޗަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެކަން ތަކުރާރުކޮށް ކުޅުންތެރިންނަށް ހަނދާންކޮށްދީފައެވެ.

"ޗެމްޕިއަންސް ލީގުގައި ކުރިއަށް މިއޮތީ ވަރުގަދަ މެޗެއް. އެހެންވީމާ މިމެޗަށް ރަނގަޅަށް ތައްޔާރުވާން އަހަރުމެންނަށް އެބަޖެހޭ. ކުރިއަށް މިއޮތް ތިން ދުވަހު ރަނގަޅަށް އަރާމުކުރުން ވަރަށް މުހިންމު" ނޫސްވެރިންނާ ވާހަކަ ދައްކަމުން ސިމިއޯނީ ބުންޏެވެ.

މެޗާ ދެމެދު ބާކީ އޮތް ދުވަސްކޮޅުގައި ކުރަންވީ ކަމަކީ ޓީމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ، މަސައްކަތް އިތުރަށް ހަރުދަނާކޮށް، ފޯކަސް ގެއްލުނަނުދީ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުން ކަމަށްވެސް ސިމިއޯނީ ފާހަގަކުރިއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން ސިމިއޯނީ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ޓީމު މޮޅުކޮށްދިން ޖޫލިއަން އަލްވަރޭޒްއަށްވެސް ތައުރީފުކޮށް ވާހަކަދައްކާފައެވެ.

"މިއަދު އަހަރުމެންނާއި ދެކޮޅަށް ކުޅުނީ ވަރުގަދަ ޓީމެއް. މިމެޗަކީ އުނދަގޫ މެޗެއް. އެޓީމުން ވަނީ ޑިފެންސް ވަރުގަދަކޮށް ނިކޯ އާއި އިނާކީ ވިލިއަމްސްއަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ. ދެ ވަނަ ހާފުގައި ޖޫލިއަން ކުޅެން އެރުވުމަކީ އަހަރުމެންނަށް ލިބުނު ނަސީބެއް. އޭނާގެ ކައުންޓަރ އެޓޭކުން ލަނޑެއް މިޖެހުނީ" ޖޫލިއަން އަލްވަރޭޒްއާ ގުޅޭގޮތުން ސިމިއޯނީ ބުންޏެވެ.

ބިލްބާއޯ އަތުން ހޯދި މޮޅާއެކު ތާވަލުގެ ދެވަނައިގައި އެތުލެޓިކޯ އޮތްއިރު، އެ ޓީމަށް ވަނީ ކުޅުނު 26 މެޗުން 56 ޕޮއިންޓް ލިބިފައެވެ.