ކުޅިވަރު

ލިލް އަތުން ހޯދި މޮޅާއެކު އެންރީކޭގެ ފޯކަސް ލިވަޕޫލް މެޗަށް


ފްރެންޗް ލީގުގައި ލިލްއާ ދެކޮޅަށް ކުޅެ 4-1 ގެ ނަތީޖާއަކުން މޮޅުވި މެޗަކީ ޕީއެސްޖީއަށް ކުރިމަތިވި އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށް ބޮޑު ލީޑެއް ނަގާފައެވެ. މިއީ އެ ޓީމު ކުޅުނު ހުރިހާ މުބާރާތަކުން ޖެހިޖެހިގެން ހޯދި 10 ވަނަ މޮޅެވެ. ފްރާންސްގެ ގަދަ ބާރެއް ކަމަށްވާ ޕީއެސްޖީން އެންމެ ފަހުން މެޗެއްގައި ބަލިވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗަށްފަހު ޕިއެސްޖީން އަންނަނީ ވަރުގަދަ ކުޅުމެއް ދައްކައި ފުލުފުލުގައި މެޗުތައް ކާމިޔާބު ކުރަމުންނެވެ.

އެންރީކޭ ބުނީ މިހާރު ހުރިހާ ފޯކަސްއެއް ހުރީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ތާވަލުކޮށްފައިވާ ދެ މެޗަށް ކަމަށާއި، އަދި މިހާރު އެންމެ ބޮޑު އިސްކަމެއްދޭނީ އަމާޒަށް ވާސިލުވުމަށްޓަކައި ކުޅުންތެރިން މެޗަށް ފިޓުކުރުމަށް ކަމަށެވެ.

"ލިވަޕޫލަކީ މިވަގުތު ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމު. އެއީ ނަތީޖާ ނެރޭ ޓީމެއް. އަނެއްކޮޅުން ޔޫރަޕުގެ އެންމެ ފޯމުގައި އޮތް ޓީމަކީވެސް އެއީ. ފަހަރެއްގައި ޗެމްޕިއަންސް ލީގު ނަގާނެ ޓީމަކީ އެއީ ކަމަށްވެސް ވެދާނެ. މި މެޗުން މޮޅުވާން ބޭނުންނަމަ އަހަރެމެން ޖެހޭނީ ކަށިން ހިތްވަރުނެރެން" ކުރިއަށް އޮތް މެޗާ ގުޅޭގޮތުން އެންރީކޭ ބުންޏެވެ.

އެކަމަކު އެ މެޗަށްޓަކައި ޓީމަށާއި ކުޅުމަށް މާ ބޮޑު ބަދަލުތަކެއް ނުގެންނާނެ ކަމަށާއި، ނަމަވެސް ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް އެންރީކޭ ބުންޏެވެ. އަދި ލިލްއާ އެކު ކުޅެވުނު މެޗަކީ ލިވަޕޫލާ ބައްދަލުކުރުމުގެ ކުރިން ހެދުނު އިމްތިހާނެއް ކަމަށްވެސް ވަނީ ބުނެފައެވެ. ސަބަބަކީ ލިވަޕޫލާއި ލިލްއަކީ ކުޅުމުގެ ވައްޓަފާޅި ދާދި އެއްގޮތް ދެ ޓީމަށް ވެފައި، ޕީއެސްޖީން ދެއްކި ކުޅުމާ ހެދި ލިލްއަށް ޕްރެޝަރުތައް ކުރިމަތިވެ އަސްލު ކުޅުން ދެއްކިފައިނުވާތީ ކަމަށްވެސް އެންރީކޭ ބުންޏެވެ.

"ތަފާތު މެޗަކަށް ވެގެންދާނެ. ޔަގީނުންވެސް ފަސޭހަ މެޗަކަށް ނުވާނެ. އެކަމަކު އަހަރުމެން މިތިބީ މި ސީޒަނުގެ އެންމެ ރަނގަޅު ހިސާބުގައި. އަހަރުމެން މިހާރު ތައްޔާރުވަމުން މިދަނީ ޔޫރަޕުގެ އެންމެ މޮޅު ޓީމާއި ވާދަކުރަން" ލިވަޕޫލާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗާ ގުޅޭގޮތުން އެންރީކޭ ބުންޏެވެ.

ލިވަޕޫލާއި ޕީއެސްޖީން މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުތައް ކޮންމެ ޓީމަކުންވެސް އެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.