މޯލްޑިވްސް ސޮކަރ މޭޓްސްއިން މި އަހަރު މުޅިން އަލަށް ބާއްވާ "ރަމަޟާން 7ވީ7 ލީގު 2025" ފުޓްބޯޅަ މުބާރާތް ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށް ޚައްސަ ކުރަން ނިންމައިފިއެވެ.
މި މުބާރާތުގެ ގުރުނެގުން އިއްޔެ ބާއްވާފައިވަނީ ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައެވެ. މި މުބާރާތް ކުރިޔަށްދާނީ މާޗް 3-29 އަށް ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ.
ވެޓްރަންސް (40 އަހަރުން މަތި) 9 ޓީމަކާއި، މާސްޓާރސް (50 އަހަރުން މަތި) 8 ޓީމެއް މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.
ޖުމްލަ 60 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ބަކާއަށް ހާއްސަކުރަން ނިންމީ، އޭނާއަކީ ރާއްޖެ ދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއަށްވުމުން ކަމަށް ސޮކާ މޭޓްސްއިން ބުނެއެވެ. އަދި ބަކާއަކީ ދަނޑުމަތީގައި އާއި ދަނޑުން ބޭރުގައިވެސް ރާއްޖޭގެ ފުޓްބޯޅައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅުންތެރިއަކަށްވާތީއެވެ.
25 ޖޫން 2024 ގައި ބަކާ ނިޔާވުމަކީ ފުޓްބޯޅަ ކޮމިއުނިޓީއަށް ލިބުނު ހިތްދަތި ކަމެއް ކަމަށާއި، އެހެންނަމަވެސް މިއަދުވެސް ބަކާއަކީ "އައިކަން" އެއްގެ ގޮތުގައި ދެކޭ ކުޅުންތެރިންނާއި ސަޕޯޓަރުން އެބަތިބި ކަމަށް ސޮކާ މޭޓްސްއިން ބުނެއެވެ.
އެހެންކަމުން ބަކާގެ ހަނދާނަށް ހާއްސަކޮށް "ރަމަޟާން 7ވީ7 2025" ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމި އިރު މި މުބާރާތް ވެގެންދާނީ އޭނާ ފުޓްބޯޅައަށް ދިން ލޯތްބާއި، ދިން އިސްކަމާއި، ކުރި ހިދުމަތަށް ޝުކުރު އަދާކުރުމުގެ މުބާރާތެއްގެ ގޮތުގައި ކަމަށް ސޮކާ މޭޓްސްއިން ބުނެއެވެ.