މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލެއިން ގާތްގަނޑަކަށް 17،000 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް އިއްޔެ ކުރި ވިއްސާރައިގައި މާލެއާއި ހުޅުލެ އަދި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. މާލެ އަތޮޅުގެ ރަށްތަކާއި މާލެ ސަރަހައްދުގައި ފެން ބޮޑުވެފައިވާއިރު، ފެން ހިންދުމުގެ މަސައްކަތް ޤައުމީ ދިފާޢީ ބާރާއި، ކަމާއި ގުޅުން ހުރި މުއައްސަސާތަކުން ގުޅިގެން ވަނީ ކޮށްފައެވެ.
މާލޭގެ 6 ސަރަހައްދެއްގައި 17 ޕަމްޕެއް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް މިހާރު ގެނެވިފައިވާއިރު، ފެން ހިންދުމުގެ މަސައްކަތް މިހާރުވަނީ މެދުކަނޑާލާފައެވެ.
ފެން ހިންދުމުގެ މަސައްކަތުގެ ތަފްސީލް ހާމަކުރައްވާ އެމްއެންޑީއެފްއިން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ފެން ހިންދަން ކުރެވުނު މަސައްކަތުން 16،911 ޓަނުގެ ފެން ބޭރުކުރެވިފައިވާ ކަމަށެވެ.
އަދި އެމްއެންޑީއެފުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށާއި، 976 ވެލި ބަސްތާ މާލޭގެ ގެތަކާއި ވިޔަފާރިތައް ހިމެނޭހެން ޖަހާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއޮޕަރޭޝަންގައި މާލެ އަތޮޅުގެ 5 ރަށެށް ހިމެނޭހެން އެމްއެންޑީއެފްއިން ދަނީ އެހީތެރިކަން ފޯރު ކޮށްދެއްވަމުންނެވެ.
* ކ.ހުރާ
* ކ.ގުރައިދޫ
* ކ.ހިންމަފުށި
* ކ.ތުލުސްދޫ
* ކ.މާފުށި
* އދ.މާމިގިލި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަތޮޅުތަކަށްވެސް އެހީވުމަށް ތައްޔާރީ ހާލަތުގައި ތިބިކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭރިއާ ކޮމާންޑްތައް އެކްޓިވޭޓްކުރެވިފައިވާކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދުގައި ފެން ބޮޑުވުމަށް މެދުވެރީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދިޔައިރު، މާލެ ސަރަހައްދުގައި ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ދިޔައީ ކުރަމުންނެވެ.