އެކުވެރިކަމުގެ މެޗެއްގައި އިންޑިއާގެ ގައުމީ ޓީމާ ދެކޮޅަށް ދިވެހިރާއްޖެ ކުޅޭ މެޗު ޝިލޮންގް ނޫން ތަނެއްގައި ކުޅެދިނުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން އެދިއްޖެއެވެ.
މި މަހުގެ 19 ވަނަ ދުވަހު ކުޅޭ މި މެޗުގެ އިންތިޒާމުތައް ބަދަލުކޮށްދޭން ރާއްޖެއިން އެދުމުން އިންޑިއާއިން ވަނީ އެކަމަށް އެއްބާރުލުން ދިނުމަށް މަސައްކަތްކުރާ ކަމަށް ވެސް ބުނެފައެވެ.
އިންޑިޔާގެ އިރު އުތުރުގައި އޮންނަ ޝިލޮންގް ސިޓީގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމުގައި މެޗު ކުޅެން ރާއްޖެ ދެކޮޅު ހަދާ ސަބަބުތަކެއް އެބަހުއްޓެވެ. ސަބަބަކީ މި މެޗަށް ފަހު ވޯލްޑްކަޕް ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅެން ސީދާ އެ ގައުމަށް ދިއުމަށް ރާއްޖެ ބޭނުންވާތީ އެވެ. ޝިލޮންގްގައި މެޗު ކުޅެފިނަމަ ރާއްޖެ އަށް ފިލިޕީންސާއެކު މި މަހުގެ 25 ވަނަ ދުވަހު ކުޅެން އޮތް މެޗަށް ދިއުމަށް ކުރަންޖެހޭ ދަތުރު ދިގުވާނެ އެވެ. އެކަމަކު އިންޑިޔާގެ ވެރިރަށް ދިއުދިއްލީ ފަދަ ތަނެއްގައި މެޗު ކުޅެފިނަމަ ދަތުރު ކުރުމުގައި ރާއްޖެ އަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
އިންޑިޔާގެ ފެޑަރޭޝަނުން މިކަމުގައި ބުނަނީ ރާއްޖޭގެ ހުށަހެޅުން ގަބޫލުކޮށް މެޗު އެހެން ތަނަކަށް ބަދަލުކޮށްދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ގޮތުން ކަލްކަތާގައި މެޗު ކުޅެން ވިސްނަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް ވަކި ތަނެއް ނުނިންމާ ކަމަށެވެ.
ރާއްޖެއިން އެދުނު ގޮތަށް އިންޑިޔާއިން މިކަން ކޮށްދޭން ބޭނުންވަނީ މިވަގުތު ރާއްޖެއިން މި މެޗު ނުކުޅެން ނިންމައިފިނަމަ އިންޑިޔާ އަށް ވެސް ވޯލްޑްކަޕް ކޮލިފައިންގައި ކުޅެންޖެހޭ މެޗުގެ ކުރިން އެހެން މެޗެއް ހަމަޖައްސަން ވަގުތު ނެތުމުން ކަމަށް ވެސް އިންޑިޔާގެ ފެޑަރޭޝަނާ ހަވާލާދީ އެ ގައުމުގެ މީޑިޔާތަކުން ބުނެ އެވެ.
އެކަމަކު އިންޑިޔާއިން މާޗު 25 ވަނަ ދުވަހު ބަނގްލަދޭޝްއާއެކު ކުޅެން ހަމަޖައްސާފައިވަނީ ޝިލޮންގްގެ ނެހުރޫ ސްޓޭޑިއަމުގަ އެވެ.