ޚަބަރު

އޮރެއިލީގެ ދެ ލަނޑާއެކު ސިޓީ މޮޅުވެ ކުއާޓާ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ރޭ ޕްލައިމަތާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކަމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލް ކަޓުވާލުމަށްފަހު ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައިވާ ޕްލައިމަތާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ފަންސާސް ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރ ހޯދާފައިވަނީ ޕްލައިމަތުންނެވެ. މި ލަނޑު މެޗުގެ 38 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެކްސިމް ޓަލޮވިއެރޯވް އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި މެޗަށް ނިކުތްއިރު ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ގްވާޑިއޯލް އާއި އާލިން ހާލަންޑަށް ފުރަތަމަ ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ.

ޕްލައިމަތުން ލަނޑެއް ޖަހައި ކުރި ހޯދިނަމަވެސް އޭގެ ހަތް މިނިޓު ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާ ދިން ބޯޅަ އަކުން ނިކޯ އޮރެއިލީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ގާޑިއޯލާ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ނަތަން އަކޭ އާއި މެކާޓީގެ ބަދަލުގައި ރުބެން ޑިއާސް އާއި ހާލަންޑް ވަނީ ކުޅެން އަރުވާފަ އެވެ.

ސިޓީން އިތުރު ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 76 ވަނަ މިނިޓުގައި އޮރެއިލީ ކާމިޔާބުކޮށްދިން އިތުރު ލަނޑަކުންނެވެ. މި ލަނޑަކީ ފިލް ފޯޑެން ނަގައިދިން ބޯޅައެއް އޭރިޔާ ތެރޭގައި ހުރެ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

މި ލަނޑަށްފަހު ސިޓީގެ އާލިން ހާލަންޑުގެ އިތުރުން ކެވިން ޑި ބްރޭނާ އާއި ޖެކް ގްރީލިޝް އަށްވެސް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބި ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވެނީ ހާލަންޑަށް ލިބުނު ދެ ފުރުސަތެވެ. އޭރިޔާ ތެރޭގައި ހުރެ ހާލަންޑު ފޮނުވާލި ދެ ހަމަލާވެސް ޕްލައިމައުތުގެ ކީޕަރު ހަޒާޑު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

މި މެޗުގައި ސިޓީ އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ޑި ބްރޭނާ އެވެ.