ޚަބަރު

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން: ތަރުޖަމާނު


  • ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަނި އޮރެންޖު އެލާޓް ނެރެފައި

ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހުރިހާ އިދާރާތައް ގުޅިގެން ދަނީ މަސައްކަތްކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތްދަނީ ކުރަމުންކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުންކަމަށްވެސް ހީނާ ވިދާޅުވިއެވެ..

އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާއިރު، މިހާރުވެސް މެޓް އޮފީހުން ވަނީ ބައެއް ސަރަޙައްދުތަކަށް އެލާޓްތައް ނެރެފައެވެ.

އެގޮތުން ބ. އަތޮޅުން ފެށިގެން ދ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ މިރޭ 12 ޖެހުމާހަމައަށް ވަނީ އޮރެންޖް އިންޒާރު ނެރެފައެވެ. އަދި ދަންވަރު 1:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި ދަނަވަރު 2:00 ޖެހުމާއި ހަމައަށް ނ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.