ޖަރުމަން ލީގުގައި ސްޓުޓްގާޓް އަތުން 3-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ހޯދި މޮޅާއެކު ލީގުގެ އެއްވަނަ މަގާމު ދިފާއުކޮށްފައިވާތީ، ޓީމުން ދެއްކި ކުޅުމަށް ކޯޗު ވިންސެންޓް ކޮމްޕެނީ ތައުރީފުކޮށްފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ލީޑު ނެގީ ސްޓުޓްގާޓުންނެވެ. ސްޓުޓްގާޓުގެ އެންޖެލޯ ސްޓިލާގެ ގޯލުން ބަޔާން މިއުނިކުގެ ގޯލު ހުޅުވާލި ނަމަވެސް ބަޔާންގެ މައިކަލް އޯލިޒް ޖެހި ގޯލުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
"ސްޓުޓްގާޓާއި ދެކޮޅަށް ކުޅުމަކީ ފަސޭހަމަކެއް ނޫން. ގައިމުވެސް ކުޅުންތެރިއެއްގެ ގޮތުގައި އަހަރެން ހޭދަކުރި ދުވަސްވަރު ސްޓުޓްގާޓު އަތުން މޮޅުވެފައެއް ނެތް. މިއަދު އެޓީމުން ދެއްކީ ވަރަށް ވަރުގަދަ މޮޅު ކުޅުމެއް. މިހާ ވާދަވެރި މެޗަކުން ކާމިޔާބު ލިބުމުން އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފަ" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބަޔާން މިއުނިކްގެ ކޯޗު ކޮމްޕެނީ ބުންޏެވެ.
ކޮމްޕެނީ ބުނީ ޓީމެއްގެ ގޮތުގައި އެކުވެ އެންމެ ރަނގަޅު ކުޅުން މެޗުގައި ދައްކާލުމަށް ގާތްގަނޑަކަށް ބައިގަޑިއިރު ހޭދަވި ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިއަކުވެސް ކުޅުން އިތުރަށް ރަނގަޅުކުރި ކަމަށާއި، އެކަމުގެ ސަބަބުން މުހިންމު ދަނޑިވަޅުތަކުގައި ކުޅުންތެރިންގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުނުކަމަށެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ބަޔާނުގެ ލިއޮން ގޮރެޓްޒްކާ ޖެހި ލަނޑުން ބަޔާނުން ލީޑު ނެގިއެވެ. އަދި ކިންގްސްލީ ކޯމަންގެ ގޯލުން މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްލިއެވެ.
ނޫސްވެރިންނާއި ވާހަކަދައްކަމުން މީގެ ކުރިންވެސް ކޮމްޕެނީ ވަނީ ޓީމުގެ ބުރަ ޝެޑިއުލްގެ ސަބަބުން ކުޅުންތެރިން ވަރުބަލިވެފައިވާކަމަށް ބުނެފައެވެ. އެހެންނަމަވެސް އެކަން އުޒުރަކަށް ނުހަދާ ވީހާވެސް ރަނގަޅަކަށް ކުޅުމަށް ކޮމްޕެނީވަނީ ކުޅުންތެރިންނަށް ހަނދާންކޮށްދީފައެވެ.
ބަޔާން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތްއިރު، އެ ޓީމުން ވަނީ ފާއިތުވެ ދިޔަ ހަ ދުވަހުގެ ތެރޭގައި ޖުމްލަ ތިން މެޗުކުޅެފައެވެ.
"ކުރަންވީ ކަމަކީ ހަމަޖެހިލައިގެން ތިބެ ކުރިއަށް އޮތް މެޗަށް ތައްޔާރުވާންވީ. އިދިކޮޅު ޓީމުންވެސް އެހަދަނީ އެހެން. އަހަރެންގެ މުޅި ކެރިއަރުގައިވެސް މިކަން މިދަނީ މިހެން. އަދި ކުރިއަށް ހުރި ދުވަސްތަކުގައިވެސް މިކަންދާނީ މިހެންކަމަށް ގަބޫލުކުރެވެނީ" ބަޔާނުން ކުރިއަށްހުރި މެޗުތަކަށް ތައްޔާރުވުމުގައި އަމަލުކުރާނެ ގޮތާއި ގުޅޭ ގޮތުން ކޮމްޕެނީ ބުންޏެވެ.
ސްޓުޓްގާޓު އަތުން ބަޔާން ހޯދި މޮޅާއެކު ބަޔާނަށް ވަނީ 61 ޕޮއިންޓް ލިބިފައެވެ. ބަޔާނަށްވުރެ 11 ޕޮއިންޓް މަދުން ތާވަލުގެ ދެވަނައިގައި ބަޔާ ލެވަކޫސަން އޮތްއިރު، އެ ޓީމުން ވަނީ ބަޔާނަށްވުރެ އެއް މެޗު އިތުރަށްވެސް ކުޅެފައެވެ.