ޚަބަރު

ހަތިޔާރު ބަހައްޓައި ޙަމަލާ ބަދަލު ކުރުން މެދުކަނޑަައިލަން ކުރުދީން ނިންމައިފި


ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތް، ކުރްދިސްތާން ވަރކަރސް ޕާޓީ (ޕީކޭކޭ)ން ހަތިޔާރު ބަހައްޓައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ނިންމައިފިއެވެ. ކުރުދީ ދަރިކޮޅުގެ މީހުންނަށް މިިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުގެ ނަމުގައި ތުރުކީވިލާތުގެ ދައުލަތަކާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޕީކޭކޭން ހަތިޔާރު ބަހައްޓަން ނިންމާފައި ވަނީ އެ ޖަމާޢަތުގެ ބާނީ ޢަބްދުالله އޮޖަލާންގެ ގޮވައިލުމަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

ޕީކޭކޭން ތުރުކީވިލާތުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލައި ހަނގުރާމަ ފަށާފައި ވަނީ މީގެ ހަތަރު ދަހަރެއްހާ ދުވަސް ކުރިންނެވެ. ހަތިޔާރު ބަހައްޓައި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އޮޖަލާން ޕީކޭކޭގެ ސެނެޓާއި މެންބަރުންނަށް ގޮވައިލައްވާފައި ވަނީ އޭނާ ފޮނުވި ސިޓީއެއްގައެވެ. 1999ވަނަ އަހަރުން ފެށިގެން އޮޖަލާން ހުރީ ތުރުކީވިލާތުގެ އިސްތަންބޫލުގެ ރަށްބޭރުގައި އޮތް ކުޑަ ރަށެއްގައި ބިނާ ކޮށްފައިވާ ޖަލެއްގައި ބަންދު ކޮށްފައެވެ.

އޮޖަލާންގެ ގޮވައިލުމަށް އިޖާބަދީ، ހަތިޔާރު ބަހައްޓައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޕީކޭކޭން ނިންމުމަކީ ތުރުކީވިލާތުގެ ދައުލަތާ ދެކޮޅަށް މީގެ 40 އަހަރު ކުރިން ފެށި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ހަތިޔާރު ބަހައްޓައި ސުލްޙަވުމަށް އޮޖަލާން ޕީކޭކޭއަށް ގޮވައިލުމާ އެކު ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ސަރުކާރުގެ އިތުރުން ޕީކޭކޭއާ ގާތް ގުޅުމެއް އޮތް ޑީއީއެމް ޕާޓީން ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ.

ޕީކޭކޭން ތުރުކީވިލާތުގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ 1984ވަނަ އަހަރުއެވެ. އެ ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ އަދަދު 40,000 އަރާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. ތުރުކީވިލާތުގެ އަސްކަރިއްޔާއިން ފަހަތަށް ޖައްސާފައިވާ ޕީކޭކޭގެ ހަނގުރާމަވެރިންގެ ބޮޑު އިންސައްތައެއް މި ވަގުތު ހަރަކާތްތެރިވަމުން ދަނީ ޢިރާޤުގެ އުތުރުގެ ފަރުބަދަމަތީ ސަރަޙައްދުތަކުގައެވެ.

ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ނިންމާފައިވާ އިޢުލާނުކޮށް ޕީކޭކޭން ބުނީ، އެ ޖަމާޢަތުގެ ނިންމުމާ އެކު ޖަލުގައި އެކަހެރިކޮށް ބަންދު ކޮށްފައި ހުރި އޮޖަލާން މިިނިވަން ކުރާނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ. އަދި، ޕީކޭކޭގެ ހަތިޔާރު ބެހެއްޓުމުގެ ކަންކަން ވިލަރެސް ކުރެވޭނީ އޭނާގެ ބެލުމުގެ ދަށުން ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. އެ ކަން ކާމިޔާބު ކުރުމަށް ސިޔާސީ އަދި ޑިމޮކުރަސީގެ ދާއިރާއިން ޝަރުޠުތަކެއް ކަނޑައަޅައި ތަންފީޒު ކުރަން ޖެހޭނެ ކަމުގައި ވެސް ޕީކޭކޭން ބުންޏެވެ.

މި ކަމާ ގުޅިގެން ޕީކޭކޭއަށް ޑިމޮކުރަސީގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ޑީއީއެމް ޕާޓީން ވަނީ ތުރުކީވިލާތުގެ ސަރުކާރަށް ގޮވައިލާފައެވެ. ނަމަވެސް، ތުރުކީވިލާތުގެ ސަރުކާރުން ބުނީ، އެ ޤައުމުގެ އިތުރުން ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ޕީކޭކޭގެ ހަނގުރާމަވެރިންނާ މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށާއި، ހަތިޔާރު ބެހެއްޓުން ނޫން އިތުރު ގޮތެއް ބަލައިނުގަންނާނެ ކަމުގައެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފަ)ކީ ވެސް ޕީކޭކޭއާ ގުޅުން އޮތް ޖަމާޢަތެކެވެ. އެއީ، އެމެރިކާއިން ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދޭ ގުރޫޕެކެވެ. ހަތިޔާރު ބަހައްޓައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އޮޖަލާން ޕީކޭކޭއަށް ގޮވައިލާފައިވީ ނަމަވެސް، އެ ޖަމާޢަތުން އެ ގޮވައިލުމަށް އިޖާބަ ދޭން ނުޖެހޭނެ ކަމުގައެވެ. އެސްޑީއެފުން ހަތިޔާރު ބެހެއްޓުމަކީ ތުރުކީވިލާތުގެ ސަރުކާރުން ވެސް ބޭނުންވާ ކަމެކެވެ.