ކ. ކުޑަގިރި ފަޅު ތެރޭގައި ޑައިވް ރެކް ސައިޓެއް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިގޮތުން މި މަސައްކަތް ފެށުމުގެ ގޮތުން ޑައިވް ރެކް ސައިޓަށް ބޭނުންވާ ދެ މަތިންދާ ބޯޓު ވަނީ އެމްޓީސީސީގެ ބާޖެއްގައި ކުޑަގިރިއަށް ގެންގޮސްފައެވެ.
ކ. ކުޑަގިރި ފަޅު ތެރޭގައި ޑައިވް ރެކް ސައިޓެއް ތަރައްގީކުރަނީ އެމްއެމްޕީއާރްސީ، އެމްޓީސީސީ އަދި އެޗްޑީސީ ގުޅިގެނެވެ. މިގޮތުން މި މަޝްރޫޢުގައި ކުޑަގިރި ފަޅަށް ފައްތަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެވެ.
މި މަތިންދާބޯޓުތައް ފެއްތުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރަމުންދާއިރު ދެ މަތިންދާބޯޓު އޮޔަށް، ރާޅަށް ގުޑާގުޑުން ކުޑަކުރުމަށްޓަކައި ބަރު ކުރުމަށް ތައްޔާރުކޮށްފައިވާ ފައި ތަނބުތައް ތައްޔާރުކޮށް، ހަރުކޮށް، ފެއްތުމަށް ވަނީ ތައްރާރުކޮށްފައެވެ.
މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ މަތިންދާބޯޓު ގެންގުޅުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ ތެރޭގައި ސިއްހީ، ޖިސްމާނީ ހާނިކައިގެ ނުރައްކާ ކުރިމަތިވެދާނެކަން ފާހަގަކޮށްފައެވެ. އަދި ޑައިވް ސައިޓް ތަރައްގީ ކުރުމުގެ ތެރޭގައި ކަނޑުމަތީގައި މަސައްކަތްކުރާ މީހުންނަށްވެސް ޖިސްމާނީ އަދި ސިއްހީ ހާނިކައިގެ ނުރައްކާތަކެއްވާކަން ފާހަގަކޮށްފައެވެ.
އެހެންކަމުން މަޝްރޫއުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ސިއްހީ އަދި ޖިސްމާނީ ގޮތުން ކުރިމަތިވެދާނެ ގެއްލުމުގެ ނުރައްކާ ކުޑަކުރުމަށް ޒިންމާދާރު ފަރާތުން ބައިވެރީންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރުމުގެ އުސޫލުތައް ކިޔައިދީ ތަމްރީނުކުރަންޖެހޭ ކަމަށް ރިޕޯޓްގައިވެއެވެ.
ޑައިވް ރެކް ސައިޓުު ތަރައްޤީކުރުމުން، ކުޑަގިރިއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖޭގެ ރައްޔިތުންނަށް އިތުރު މުނިފޫހިފިލުވުމުގެ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިޝްތިޙާރު ކުރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ބެލެވެއެވެ.