ރަޝިޔާއާއި އެމެރިކާއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން ބަދަހިކޮށް އިޢާދަ ކުރުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. ތުރުކީވިލާތުގެ އިސްތަންބޫލުގައި ބޭއްވި ހަ ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކުގައި ދެ ޤައުމުގެ ޚާރިޖީ ދާއިރާގެ އިސްވެރިން ބައިވެރިވިއެވެ. އެ މަޝްވަރާތަކަށް ފަހު ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ، އެމެރިކާގެ ވެރިކަމާ ރައީސް ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގަތް ފަހުން ދެ ޤައުމުގެ ގުޅުންތައް ރަނގަޅުވާނެ ކަމުގެ އުންމީދު އައުވެފައިވާ ކަން ހާމަ ކުރައްވާފައެވެ.
ތުރުކީވިލާތުގައި ބާއްވާފައިވާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުންތައް ހަރުދަނާ ކުރުމަށެވެ. މި ގޮތުން، ދެ ޤައުމުގައި ހުރި އެމްބަސީތަކަށް އޮތް ހުރަސްތައް ނައްތައިލައި، ދެ ޤައުމުގެ ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ކުރިމަތި ކުރުވާފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ. ރަޝިޔާއާއި އެމެރިކާއިން ގުޅުންތައް އިޢާދަ ކުރަން މަސައްކަތް ކުރުމަކީ ވިލާތުގެ ޤައުމުތަކަށް ސިހުން ގެނުވި، އަދި ކަންބޮޑުވާ މައްސަލައެކެވެ. އެ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަކީ ވިލާތުގެ ޤައުމުތަކުން އެދޭ ކަމެއް ނޫނެވެ.
ރަޝިޔާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް އެންމެ ބޮޑަށް ހީނަރުވެގެން ގޮސްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައެވެ. 2022ވަނަ އަހަރު ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި، ބައިޑަންގެ ސަރުކާރުން ވަނީ ޔޫކްރެއިންގެ ފަޅި އިޚުތިޔާރު ކޮށްފައެވެ. އަދި، ރަޝިޔާއާ ދެކޮޅަށް ބޭނުން ކުރާނެ އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރާއި އަސްކަރީ އެހީ ފޯރުކޮށްދޭން ފަށާފައެވެ.
ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި، އެ ކަން ހާސިލު ކުރުމަށް އޭނާގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެންމެ ފުރަތަމަ ޓްރަމްޕް އެޅުއްވި ފިޔަވަޅީ، ފެބުރުވަރީ 12ވަނަ ދުވަހު ޕުޓިންއަށް ފޯނުން ގުޅުއްވައި، ސުލްޙައިގެ މަޝްވަރާތަކަށް ދަޢުވަތު އެރުވުމެވެ. އޭގެ ހަ ދުވަސް ފަހުން، މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ބޭއްވިއެވެ. ވިލާތުގެ ޤައުމުތަކާއި ޔޫކްރެއިނަށް އެ މަޝްވަރާތަކުގައި ޖާގަދީފައެއް ނެތެވެ.
އިސްތަންބޫލުގައި އެމެރިކާއާއި ރަޝިޔާއާ ދެމެދު އެންމެ ފަހުން މަޝްވަރާތައް ބާއްވާފައި ވަނީ އެ ރަށުގައި ހުންނަ އެމެރިކާގެ ކޮންސުލްގެ ގެކޮޅުގައެވެ. މިއީ، ވިލާތުގެ ޤައުމުތަކުން އެއްވެސް ވަރަކަށް ގަޔާވާ ކަމެއް ނޫނެވެ. އެ ޤައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޤައުމުތަކުގެ ބައިވެރިވުމާ ނުލައި އެމެރިކާއާއި ރަޝިޔާއިން ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް އެކުލަވައިލުމެވެ. އެ ފަދަ ނިންމުމެއްގެ ސަބަބުން ވިލާތުގެ ޤައުމުތަކުގެ ދިފާޢާއި ސަލާމަތަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު ކަމުގައި އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.
ޕުޓިން ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރަން ފެށުމުގެ ކުރިން އިތުބާރު އައު ކުރަން ޖެހޭ ކަމުގައެވެ. "އެމެރިކާގެ އައު ސަރުކާރާ އެކު ބޭއްވި އެންމެ ފުރަތަމަ މަޝްވަރާތަކުން އުންމީދު އައުވެފައިވާ ކަން އަޅުގަނޑު ފާހަގަ ކުރަން. ދެ ސަރުކާރުގެ ދެމެދުގައި ގުޅުން ބަދަހިކޮށް، ދުނިޔޭގެ ސަލާމަތަށް ކުރިމަތިވެފައި އޮތް ނިޒާމީ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރަން ބޭނުންވާ ކަން ހާމަވި،" އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަޚަރްވާ ވިދާޅުވީ، އިސްތަންބޫލުގައި ބާއްވާފައި ވަނީ، ދެ ޤައުމުގެ ދެމެދުގައި ފަށާފައިވާ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ކަމުގައެވެ. އަދި، ކުރިއަށް އޮތް ތަނުގައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ. ވޮޝިންގޓަނުން ވެސް ބުނީ، ދެ ފަރާތުގެ ދެމެދުގައި ބާއްވާފައި ވަނީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމުގައެވެ.