ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، އަލިވާނީ ހޯމަ ދުވަހު


  • މެދުރާއްޖެތެރއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ

ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރާ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ހޯމަ ދުވަގެ ފަހުން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށާއި، ވަކިން ހާއްސަކޮށް މެދުރާއްޖެތެރއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނޭކަމަށެވެ.

މެޓުން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާކަމަށެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް އިއްޔެއިން ފެށިގެން މެޓް އޮފީހުން ދަނީ ސަމާލުތައް ނެރެމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލެކެވެ. ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:45 އިން ފެށިގެން ހަވީރު 16:00 އަށެވެ. މެޓް އޮފީހުން ވިދާޅުވީ މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އާއްމުކޮށް ރާއްޖޭގެ ބޮޑު ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާމެދު ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ. މިވޭތުވެދިޔަ 24 ގަޑިއިރުގައި ކުރި ވިއްސާރައަށް ބަލާއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ވ. ރަކީދޫއަށެވެ. އެއީ 118.5 މިލިމީޓަރުގެ ވާރޭއެވެ.

ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ، ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަންއާއި އޭގެ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.