ޚަބަރު

މޮރީނިއޯ ހަތަރު މެޗަށް ސަސްޕެންޑްކޮށް ޖުރިމަނާކޮށްފި


ތުރުކީގެ ފެނަބާޗޭގެ ކޯޗު ހޯސޭ މޮރީނިއޯ ރެފްރީންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން އޭނާ ހަތަރު މެޗަށް ސަސްޕެންޑް ކޮށް 35,194 ޕައުންޑުން ޖުރިމަނާކޮށްފި އެވެ.

އުމުރުން 62 އަހަރުގެ ޕޯޗުގަލް އަށް އުފަން މޮރީނިއޯ ސަސްޕެންޑް ކޮށްފައިވަނީ ތުރުކިޔޭގެ ލީގުގައި ވާދަވެރި ގަލަތަސަރާއީ އާއި ދެކޮޅަށް މި ހަފްތާގައި ކުޅުނު މެޗަށްފަހު ދެއްކި ވާހަކަ ތަކާއި ގުޅިގެންނެވެ.

ތުރުކިޔޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޮރީނިއޯގެ ދެ މައްސަލައެއް އެ އިދާރާއިން ބަލާފައިވާ ކަމަށާއި އެ ގޮތުން މެޗުގެ ރެފްރީންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަ ތަކާއި ގުޅިގެން 2,543 ޕައުންޑުން އޭނާ ޖުރިމަނާކޮށް 2 މެޗަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ދެވަނަ މައްސަލައެއްގެ ގޮތުގައި ބަލާފައިވަނީ ކުޅިވަރުގެ ރޫހާއި ހިލާފު އަމަލެއް ހިންގާފައިވާ މައްސަލައެއް ކަމަށާއި އަދި އެކަމުގެ އަދަބެއްގެ ގޮތުންވެސް ދެ މެޗަށް އޭނާ ސަސްޕެންޑްކޮށް 32,651 ޕައުންޑުން ޖުރިމަނާކޮށްފައިވާ ކަމަށެވެ.

އިސްތަންބޫލުގެ ދެ ކްލަބު ކަމުގައިވާ ގަލަތަސަރާއީ އާއި ފެނަބާޗޭ ސުޕަ ލީގުގައި ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު މޮރީނިއޯގެ މައްސަލައެއް ފުޓްބޯލައިގެ އެންމެ މަތީ ފަރާތްތައް ކަމުގައިވާ ޔޫއެފާ އާއި ފީފާއަށްވެސް ގަލަތަސަރާއީ އިން ވަނީ ހުށައަޅާނެކަމަށް ބުނެފަ އެވެ. އަދި އެގޮތަށް އެކްލަބުން ނިންމީ އެ ކްލަބުގެ މެމްބަރުންނަށް ނިސްބަތްކޮށް މޮރީނިއޯ ދައްކާފައިވާ ވާހަކަ ތަކާއި ގުޅިގެންނެވެ.

ގަލަތަސަރާއީ އިން ބުނެފައިވާ ގޮތުގައި މޮރީނިއޯ ވަނީ އެ ކްލަބުގެ މެމްބަރުންނާއި ދިމާލަށް "މަކުނުތަކެއް ފަދައިން ފުމެން ފަށާފައި" ކަމަށް ބުނެފަ އެވެ.

މި މެޗުގެ ކުރިންވެސް މޮރީނިއޯ ވަނީ ތުރުކީގެ ލީގުގައި ރެފްރީކަން ކުރާ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި ރެފްރީންގެ ނިންމުންތައް އިންސާފުވެރި ނޫންކަމަށް ބުނުމާއި ގުޅިގެން މި މެޗަށް ތުރުކިޔޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ސްލޮވޭނިޔާގެ ރެފްރީއެއް ހަމަޖައްސާފަ އެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ މެޗަށްފަހު އޭނާ ރެފްރީންގެ ކޮޓަރިއަށް ދިޔަ ކަމަށެވެ. އަދި މެޗުގެ ހަތަރުވަނަ އޮފިޝަލަކަށް ހުރި ތުރުކީގެ ރެފްރީ މެޗަށް އައުމުން ޝުކުރު އަދާކުރި ކަމަށާއި އަދި އޭނާ ރެފްރީ އަކަށް ހުރިނަމަ މި މެޗަކީ ބޮޑު ކާރިސާއަކަށް ވެގެން ދިޔައީސް ކަމަށް ބުނެފި ކަމަށެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން ޓޮޓްނަމް ހޮޓްސްޕަރ އާއި އިޓަލީގެ ރޯމާއަށް ކޯޗުކޮށްދިން މޮރީނިއޯގެ ދިފާއުގައި ފެނަބާޗޭއިން ވަނީ ވާހަކަ ދައްކާ އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފަ އެވެ.

އަދި މީގެ ކުރިންވެސް ތުރުކީގެ ރެފްރީންނަށް ފާޑު ކިއުމުގެ ސަބަބުން އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.