އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓަރ ސިޓީ އާއި ދެކޮޅަށް ވެސްޓްހޭމް ޔުނައިޓެޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ވެސްޓްހޭމް ޔުނައިޓެޑް ކާމިޔާބުކޮށް ރެލިގޭޝަން ޒޯނުން ސަލާމަތްވެއްޖެ އެވެ.
މި މެޗުން މޮޅުވުމާއެކު ވެސްޓްހޭމް ޔުނައިޓެޑަށް ވަނީ މިހާތަނަށް ކުޅުނު 27 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލުގެ 15 ވަނަ މަގާމު ލިބިފަ އެވެ. ލެސްޓަރ ސިޓީއަށް ލިބިފައިވާ 17 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.
ވެސްޓްހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 21 ވަނަ މިނިޓުގައި ވެސްޓްހޭމްގެ ތޯމަސް ސޫޗެކް ވަނީ ލަނޑެއް ޖަހާ އޭނާގެ އުފަން ދުވަސް ލަނޑަކުން ފާހަގަ ކުރުމުގެ އިތުރުން އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޖެރޮޑް ބޮވެން ފޮނުވާލި ހަމަލައެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ލެސްޓަރގެ ޑިފެންޑަރ ޔަނިކް ވެސްޓަގާޓްގެ ގައިގައި ޖެހިފައިވަނީ ބައިކޮޅަށް ވަން ލަނޑާއެކު 2-0 ގެ ލީޑެއް ވެސްޓްހޭމް އަށް ލިބިފަ އެވެ.
2025-16 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ލެސްޓަރ ސިޓީ އަށް މި ސީޒަނުގައި އަދި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާތީ ދާދި ފަހުން ވަނީ އެ ޓީމުގެ ކޯޗު މަގާމުން ވަކިކޮށް ދާދި ފަހުން ވެން ނިސްޓެލްރޫއީ އެ މަގާމަށް އައްޔަން ކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު ލެސްޓަރ ސިޓީ އިން މި ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން 11 މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި އެ ޓީމުގެ ފަރާތުން މިހާރު ފެންނަމުންދާ ކުޅުމަށް ބަލާއިރު ރެލިގޭޝަނުން ސަލާމަތް ވުމަކީ ދުރު ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ވެސްޓް ހޭމް އާއި ދެކޮޅަށް ރޭ ކުޅުނު މެޗުގައިވެސް ބައިކޮޅަށް ވަން ދެ ލަނޑަކީ ޑިފެންސްލައިންގެ ބޮޑެތި މައްސަލަތަކުގެ ސަބަބުން ވަދެފައިވާ ލަނޑުތަކެކެވެ. ލީގުގައި މިހާތަނަށް އެ ޓީމުން ކުޅުނު 27 މެޗުގައި ޖުމްލަ 61 ގޯލު ވަނީ ބައިކޮޅަށް ވަދެފަ އެވެ.