ޚަބަރު

ބާރަށުގައި ހުރި ތަރިކަތައް ދައްކާލުމަށް ދާރުލްއާސާރެއް ޤާއިމްކުރަނީ


  • ދާރުލްއާސާރު އަޅަނީ ރަށު ކައުންސިލުން

  • މި މަސައްކަތަށް ދިވެހިބަހާ ބެހޭ ވުޒާރާގެ އެހީތެރިކަންދޭނެ

ހއ. ބާރަށުގައި ހުރި ތަރިކަތައް ދައްކާލުމަށް ދާރުލްއާސާރެއް ޤާއިމްކުރުމުގެ މަސައްކަތް މި އަހަރު ފަށާނެކަމަށް އެ ރަށު ކައުންސިލުން ހާމަކުރައްވައިފިއެވެ.

މި ކަން އެ ރަށުގެ ކައުންސިލުން ހާމަކުރެއްވީ ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާއެކު ކައުންސިލުން ބޭއްވިި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބާރަށު ކައުންސިލްގެ ރައީސް ޞޮފާތު މުޙައްމަދު ވިދާޅުވީ ބާރަށުގައި ހުރި ތަރިކަތައް ދައްކާލުމަށް ކުޑަ ދާރުލްއާސާރެއް ތަރައްޤީކުރުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނައި އެކަމަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި ދާރުލްއާސާރު އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެކަމަށް ޞޮފާތު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޞޮފާތު ވަނީ ބާރަށުގައި ހުރި ތަރިކަތަކައި އެ ރަށަށް ޚާއްސަ ސަގާފީ އެހެނިހެން ކަންކަމާބެހޭ މަޢުލޫމާތު ދިވެހިބަހާ ބެހޭ ވުޒާރާއާ ޙިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ބާރަށުގައި ދާރުލްއާސާރު ޤާއިމްކުރުމުގެ މަސައްކަތަށް ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭނުންވާ އެހީތެރިކަން ވުޒާރާގެ ފަރާތުން ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ ބާރަށުގައި ހުރި ބައެއް ތަރިކަތަކުގެ މަޢުލޫމާތުތައް ހޯއްދަވާފައެވެ. އަދި ރަށުގައި ހުރި ތަރިކަތަކާއި ރަށާ ގުޅިފައިވާ ސަގާފީ އެކި ހަރަކާތްތަކުގެ މަޢުލޫމާތު އެއް ކުރެއްވުމަށް ވަޒީރު އިރުޝާދުދެއްވިއެވެ.

ބައްދަލުވުމަށްފަހު ބާރަށުގައި ހުރި ބައެއް ތާރީޚީ ތަރިކަތައް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ. ބާރަށަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ތަރިކަތަކަކާއި އާސާރުތަކެއް ހުރި ރަށެކެވެ. މި ރަށަކީ 1558 ވަނަ އަހަރު ރާއްޖެ އަޅުވެތިކުރި ޕޯޗުގީޒުންގެ އަތްދޮށުން ދިވެހި ޤައުމު މިނިވަންކޮށްދެއްވި ބަޠަލު މުޙައްމަދު ތަކުރުފާނުގެ ހަނދާންތަކާ ގުޅުންހުރި ގިނަ އާސާރުތަކެއް ހުރި ރަށެކެވެ. އެ ގޮތުން 15 އަހަރުވީ ދިގު ޖިހާދަށް މުޙައްމަދު ތަކުރުފާނާއި އެ ތަކުރުފާނުގެ ލަޝްކަރު ބޭނުންކުރެއްވި އޮޑިކޮޅު ކަމަށްވާ ކަޅުއޮށްފުންމި ބެންނެވީ މި ރަށުގައެވެ.

އެ ގޮތުން ކަޅުއޮށްފުންމި އަލަށް ބަދެގެން ފަނު ރިޔާ ފެއްސެވުމަށް ޖެއްސެވި ކާނި ކަޑައިގެތެރެއިން އެއް ކަޑައިން ފަޅާފައިވާ މަޝްހޫރު ބާރަށު ކާނި ގަހާއި ކަޅުއޮށްފުންމި ބެންނެވި ސަރަހައްދާއި ތަކުރުފާނުން ބޭނުންކުރެއްވި ދެ ފެން ވަޅަކާއި އެ ތަކުރުފާނު ނަމާދުކުރެއްވިކަމަށް ބުނާ އެތައް އަހަރެއްވީ އާސާރީ މިސްކިތެއް މި ރަށުގައި ހުރެއެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހިމް ހއ. އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ އުތީމަށާއި ތަކަންދޫއަށްވެސް ވަޑައިގެންފައިވެއެވެ. މިއީ މުޙައްމަދު ތަކުރުފާނާ ގުޅުންހުރި ތަރިކަތައް ހިމާޔަތްކޮސް ބެލެހެއްޓުމުގެ ޕްލޭންތައް އެކުލަވާލުމުގެ ގޮތުންކުރާ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.