ނިމުނު ހަފުތާގައިވެސް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އެތައް ޚަބަރެއް ނޫސްތަކުގެ ސުރުޚީތައް ފަޅުފިލުވާލަދިނެވެ. އެ ގޮތުން މިދިޔަ ހަފުތާގައި ހިނގާދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ދ. ކުޑަހުވަދޫއަށެވެ.
ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅައިފައިވެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާއެވެ. އަދި ކުޑަހުވަދޫގައި ވިޔަފާރި ބަނދަރެއްް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ހަވާލުކޮށްފައިވެއެވެ. ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
މި ރަމަޟާން މަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ކަރަންޓު ބިލުން މަދުވެގެން %10އާ ހަމައަށް ޑިސްކައުންޓު ލިބޭނެކަން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއިން ހާމަކުރައްވާފައިވެއެވެ.
ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެވަނަ މަންޒިލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ ދ. މާއެނބޫދޫއަށެވެ. މާއެނބޫދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުއްވައިދެއްވާފައެވެ. މާއެނބުދޫއަށްފަހު ރައީސުލްޖުމްހުރިއްޔާ ވަނީ ބަނޑިދޫއަށް ވަޑައިގެންފައެވެ. އަދި އެ ރަށުގައި ތަރައްޤީކުރާ 30 ޓަނުގެ އައިސްޕްލާންޓުގެ ބިންގާ މި ދަތުރުފުޅުގެ ތެރެއިން ވަނީ އަޅާފައެވެ.
ބަނޑިދޫއަށްފަހު މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. ރިނބުދޫއަށާއި މީދޫއަށާއި ހުޅުދެއްޔަށްވެސް ވަޑައިގެންފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުއްވައިދެއްވާފައެވެ. މީދޫގައި ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެ މަޝްރޫޢުތައް އެކި ކުންފުނިތަކާ ހަވާލުކުރުމުގެ އެއްބަސްވުންތައް ވަނީ އެކުލަވާލާފައެވެ. އެގޮތުން މީދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށްފައިވާއިރު، އެ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދ. އަތޮޅުގައި އޭޓީއެމް ނެތް ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހުރިއްޔާ ފަށްޓަވައިދެއްވާފައިވެއެވެ. ދ. އަތޮޅަކީ އެ އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށިގެންދިޔަ ފުރަތަމަ އަތޮޅެވެ.
ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ބައެއް ކަންކަން ރައީސުލްޖުމްހުރިއްޔާ އިޢުލާންކުރައްވާފައިވެއެވެ. އެ ގޮތުން ހައުސިން ޔުނިޓު ހަދަން ވަޢުދުވެފައިވާ ކޮންމެ ރަށެއްގައި އަމިއްލަ ގޯތީގައި ގެ ހަދައިދެވޭނެކަން އިޢުލާންކުރެއްވިއެވެ. އަދި އަންނަ އޭޕްރީލްމަހުގެ 15ވަނަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއްނެތި ހުރިހާ ބޭހެއް ލިބޭނެކަންވެސް ރައީސް އިޢުލާންކުރެއްވިއެވެ.
މިދިޔަ ހަފުތާގައިވެސް މުހިންމު ނިންމެވުންތަކެއް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. އެގޮތުން ލ. ގަމުގެ އިޚްތިސާސްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ނިންމެވީ ނިމުނު ހަފުތާގެ ހުކުރު ދުވަހުއެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓުދިން މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓު މުރާޖަޢާކުރުމަށްފަހު ސަރުކާރުން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ ލިސްޓު މުރާޖަޢާކުރީ ޝަރުތު ހަމަނުވާ އެތައް ބަޔަކަށް މިދިޔަ ސަރުކާރުން ފުލްޓުދިންކަމަށް ގިނަ ތުހުމަތުތަކެއް ކުރެވުމުންނާއި ޝަރުތު ހަމަނުވާ މީހުންނަށް ފުލެޓު ދީފައިހުރިކަން އޭސީސީންވެސް ވިދާޅުވުމާ ގުޅިގެންނެވެ. މުރާޖަޢާކުރުމަށްފަހު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ފުލެޓު ދީފައިވަނީ ޝަރުތު ހަމަވާ 1،820 މީހުންނަށް ކަމަށެވެ.
ހަމައެއާއެކު ދިވެހިންގެ ޤައުމިއްޔަތާއި ސަގާފަތް ދައްކުވައިދޭގޮތަށް ތަރައްޤީކުރި ރަސްމީ ފާލަން ރައީސުލްޖުމްހޫރިއްޔާ، ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހު ހުޅުއްވައިދެއްވާފައިވެއެވެ. ރަސްމީ ފާލަން ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށްފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ 12ވަނަ ދުވަހުއެވެ.
މިދިޔަ ހަފުތާގައިވެސް ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔައެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާލާއިރު، ގިނަ ބިލުތަކެއް ފާސްކޮށް، ލަފާ ހޯދުމަށް ހުށައެޅިފައިވާ މައްސަލަތަކާ މެދު އަރުވާނެ ލަފާތައް މަޖިލީހުން ފާސްކޮށްފައިވެއެވެ.
ސަރުކާރުގެ އިޤުތިޞާދީ އިސްލާޙީ އެޖެންޑާގެ ދަށުން ސަރުޚާރުގެ ބައެއް މުއައްސަސާތަކާއި މަޤާމުތަކާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމާ މެދު މަޖލީހުގެ ލަފަޔަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މައްސަލާގައި ޤާނޫނަށް ބަދަލު ނުގެނެސް މުސާރަ ކުޑަނުކުރެވޭނެކަމަށް ލަފާދިނުމަށް މަޖިލީހުން ވަނީ ފާސްކުރައްވާފައެވެ.
އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5އަށް މަދުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހުށައެޅި އިސްލާހުވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި ބްރޫނާއީއަށާއި ލަގްޒަމްބަރގަށާއި ނެދަލެންޑްސްއަށާއި ފްރާންސްއަށާއި އޮސްޓްރޭލިޔާގެ ނޮން-ރެސިޑެންޓް ސަފީރުކުރުމަށް އައްޔަންކުރުމަށް ރައީސުލްޖުމްހުރިއްޔާ ފޮނުއްވެވި ނަންތައް ފާސްކޮށްފައިވަނީ ވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު އަޒްމިރާލްދާ ޒަހިރާއި ފަނޑިޔާރު ހުސްނުއްސުޢޫދާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ސަސްޕެންޑުކުރެއްވުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމެވީވެސް ނިމުނު ހަފުތާގައެވެ. މި 3 ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ފަނޑިޔާރުންނާ ގުޅުންހުރި މައްސަލައެއް ބަލަމުންދާތީކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
މިދިޔަ ހަފުތާގައި އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކުންފުންޏެއްކަމަށްވާ އެންސިސްގެ އުފެއްދުންތައް ޗައިނާގެ ބާޒާރަށް ނެރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އަދި ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްއެއް ކުޅުދުށްފުށީގައި ޤާއިމުކޮށްފައިވަނީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން ރޯދަމަހު ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް ތައްޔާރުވެފައިވާކަން އެމްޕީއެލްއިން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ. ނިމުނު ހަފުތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްއިން ވިދާޅުވީ ރަމަޟާން މަހަށް ޚާއްސަކޮށްގެން މުދާ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބެހެއްޓުމަށްޓަކައި ގިނަ އިންތިޒާމުތަކެއް ހަމަޖައްސައިފައިވާ ކަމަށެވެ.
ނިމުނު ހަފުތާގައި އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލައިލާއިރު ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރ. ފައިނުގައި އެއަރޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. ރާއްޖޭގައި ޢަރަބިބަސް އުނގަންނައިދޭ މަޢުހަދެއް ޤާއިމުކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ނިންމެވީވެސް ނިމުނު ހަފުތާގައިކަން ފާހަގަކޮށްލެވެއެވެ.
ހަމައެއާއެކު ހއ. ދިއްދޫއާއި ދ. ހުޅުދެލީގައި ވޭސްޓު މެނޭޖްމަންޓު ސެންޓަރު ޤާއިމުކޮށް، ކުނި މެނޭޖުކުރުން ވެމްކޯއާ މިދިޔަ ހަފުތާގައި ހަވާލުކޮށްފައިވެއެވެ. އަދި ށ. އަތޮޅުގައި ޕާސްޕޯތުގެ ޚިދުމަތް ދިނުމަށް ފަށާފައިވަނީ ނިމުނު ހަފުތާގެ އަންގާރަ ދުވަހުއެވެ.
އަދި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ ވެސް ނިމުނު ހަފުތާގައެވެ. އަދި ދިރާސީ އައު އަހަރު ފެށޭ ތާރީޚަކީ އަންނަ އޭޕްރީލް މަހުގެ 7ވަނަ ދުވަސްކަން ހާމަކޮށްފައިވަނީވެސް ނިމުނު ހަފުތާގައެވެ.
މީގެ އިތުރުން އުތުރުގައި ގާއިމްކޮށްފައިވާ 21 ފެރީ ސްޓޮޕެއް ކައުންސިލްތަކާއި ހަވާލުކުރުމުގެ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ވަނީ ހަވާލުކޮށްފައެވެ. މި ސްޓޮޕްތަކަކީ އާރުޓީއެލްގެ ފެރީތަކަށް ބޭނުންކުރާ ސްޓޮޕްތަކެވެ. އޭގެ އިތުރުން މާލޭގެ މަގުތަކުގައި ގިނަވެފައިވާ ބުޅާތަކަށް ހިޔާވައްސެއް ހޯދައިދި އެ އެއްޗެހި ބެލެހެއްޓުމަށް ޤާއިމުކުރި ކެޓް ޝެލްޓަރ "އޮޅުހިޔާ" ދަނޑިވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ނިމުނު ހަފުތާގައި ވަނީ ހަވާލުކޮށްފައެވެ. އޮޅުހިޔާގެ ހިންގުން ކުރިން އެ ވުޒާރާއިން ހަވާލުކޮށްފައިވަނީ މާލެ ސިޓީ ކައުންސިލާއެވެ. ނަމަވެސް ސިޓީ ކައުންސިލުން އެކަށީގެންވާ ގޮތެއްގައި އޮޅުހިޔާ ހިންގުމުގެ މަސައްކަތްކޮށްފައިނުވާކަން ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.
ނިމުނު ހަފުތާގައި ޕަބްލިކް ސަރވިސް މީޑިޔާއަށް ހިތާމަވެރި ޚަބަރެއްވެސް ލިބުނެވެ. އެތައް ދުވަހެއް ވަންދެން ޕީއެސްއެމްގައި ޚިދުމަތްކުރެއްވި އާގިލް ޝަމީމް ނިޔާވީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
މި ޚަބަރުތަކާއެކު ނިމުނު ހަފުތާވެސް ފާހަގަކޮށްލެވެނީ ސިޔާސީ، އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން ފާހަގަކޮށްލެވޭ ޚަބަރުތަކެއް ލިބުނު ހަފުތާއެއްގެ ގޮތުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރެއިން ބައެއް ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފެށުމަށް ހަވާލުކުރެވި، ބައެއް ކަންކަން ހާމަވެގެން ގޮސްފައިވާއިރު، މަޖިލީހުގައިވެސް ނިމުނު ހަފުތާގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.