 
										
			އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ޤާއިމްކޮށްފައިވާ އެކިއެކި ފަންޑްތައް އެއްކޮށްލުމަށްފަހު އެއް ފަންޑެއްގެ ގޮތުގައި ޤާއިމްކުރެއްވުމަކީ އެމަނިކުފާނުގެ ތަސައްވުރެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 
ވަޒީރު ޑރ. ޝަހީމް މިހެން ވިދާޅުވީ މީރާ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 
		
			ވާރު ޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު އިފްތިތާހްކޮށްދެއްވުމަށް އިސްލާކް ސެންޓަރުގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ހުންނަ ރައްޔިތެއް ކަމަށެވެ. އެގޮތުން ދުނިޔޭގައި މުސްލިމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގައި ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން ހުރި މިންވަރުން އެކި ޒަމާންތަކުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފެންނަން ހުރިކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި މިގޮތަށް ހުރި ކަންކަމަށް ރާއްޖޭގެ ރައްޔިތުންގެ މިހޭދަކުރުމުގެ ކޮންމެވެސް ހިއްސާއެއް އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. 
ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ޤުރުއާން ކްލާސްތަކާއި، މިސްކިތްތަކާއި، ޤުރުއާން ކިޔަވައިދޭ ތަންތަނާއި މަރުކަޒްތައް ބިނާކުރަން ޖެހިފައި ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިކަންކަން މިހެން އޮތްވާ އަމިއްލަ ޤައުމުގެ މުޖްތަމަޢަށް އިސްކަންދިނުމަކީ ބޭނުންތެރިކަމެއްކަމަށެވެ.
ވަޒީރު ޝަހީމު ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އެކިއެކި ކަންކަމަށް ފަންޑުތައް ޤާއިމް ކުރެވިފައިވާ ކަމަށާއި، ތަސައްވުރަކީ މިހުރިހާ ފަންޑެއް އެއްކުރުމަށްފަހު އެއްފަންޑެއްގެ ގޮތުގައި ޤާއިމްކުރެއްވުންކަމަށެވެ. 
" އެފަންޑަކީވެސް ހުރިހާ މެންޑޭޓެއް މާޖްކުރެވިފައިވާ އިތުރަށް ފުޅާކުރުމުގެ ކުޅަދާނަކަން އޭގެ ޒާތުގައި ހުރި ފަންޑަކަށް ހަދަން އެފަންޑުވެސް. އޭގެތެރެއިންވެސް އިންވެސްޓްކުރެވޭނެ ނިޒާމެއް ޤާއިމްކޮށް ރާއްޖޭގެ ދީނީ ކަންކަމަށް ހުރި ދަތިތައް ހައްލުކުރުވާ ބޭނުންވާ މާލީ ޤާބިލްކަން އުފެއްދުމުގެ ވަސީލަތަކަށް އެފަންޑް ހެދުމަށް. އެމަސައްކަތް މިކުރަނީ އޭގެތެރެއިން ބައެއް މިއަދުވެސް މިހުޅުވިގެންދިޔައީ. ޔަޤީންކުރަނީ މީގެތެރެއިން ވަރަށް ގިނަ ކަންތައްތައް ހާސިލްވެވޭނެކަމަށް" ވަޒީރު ޝަހީމް ވިދާޅުވިއެވެ. 
 
ވަޒީރު ވިދާޅުވީ މީރާއާއެކު ހުޅުވިގެން މިދިޔަ ފުރުސަތަކީ ތަންކޮޅެއް ފަސޭހަ މަގުން ކަންކަމަށް ހޭދަކުރުމުގެ ފުރުސަތެކަމަށެވެ. 
		
			މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ  
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް އެހީތެރިވުމުގެ ގޮތުން މީރާގެ ސިސްޓަމްގެ ތެރެއިން މިހާރުވެސް ޒަކާތުގެ ފައިސާ ބަލައިގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މިއަދު މިއިފްތިތާހް ކުރެވުނު ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތަކީ ގުޅިގެން މީރާ ކެމްޕޭންގެ އިނިޝިއޭޓެއް ކަމަށެވެ.   
" މިކެމްޕޭންގެ މަޤްސަދަކީ އެކިފަރާތްތަކާ ގުޅިގެން ރަނގަޅު ނަތީޖާތަކެއް ނެރެވޭތޯ މަސައްކަތްކުރުން. އެގޮތުން މިއަދު ލޯންޗް ކުރެވުނު ވާރުޕޭގެ ތެރެއިން މިސްކިތްތައް ބިނާކުރުމާއި، ހައިރާތައް މިސްކިތްތައް މަރާމާތުކުރުމާއި، އިސްލާމިކް ސެންޓަރުތައް ބިނާކުރުން ފަދަ ކަންކަމަށް ޑިސްޓްރިބިއުޓްކުރުމުގެ ފުރުސަތު ހުޅުވިގެން މިދިޔައީ". ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވިއެވެ. 
ރާއްޖޭގެ އެކިކަންކޮޅުތަކުގައި 40 ވަރަކަށް މިސްކިތް މިވަގުތުވެސް އަޅަންޖެހިފައި ހުރިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.