ޚަބަރު

"ގެދޮރުވެރިޔާ ފްލެޓުތަކަށް ކުރީ ސަރުކާރުން ކަނޑައެޅި އަގުތައް އެންމެ އިންސާފުވެރިއެއް ނޫން"


  • ސަރުކާރުން ވަނީ ފްލެޓްތަކުގެ އަގުތަކަށް ބަދަލުނެސްފައި

  • ލޯނު ދެއްކުމަށް 100,000,000ރ. ސަރުކާރުން ސަބްސިޑައިޒް ކުރަންޖެހޭ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓްގެ ކުލީގެ ގޮތުގައި ނިމިދިޔަ ސަރުކާރުން ކަނަޑައަޅައި އާއްމުކުރެއްވި ދާއިމީ ލިސްޓާއެެކު އިއުލާން ކުރެއްވީ 3 ކޮޓަރީގެ ފްލެޓްތަކުގެ ކުލި، މަހަަކު މަހު 7000 ރުފިޔާއާއި މެއިންޓެނެސް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި 2 ކޮޓަރީގެ ފްލެޓްތަކުގެކުއްޔަކީ 5000 ރުފިޔާއާއި މެއިންޓެނެސް ފީގެގޮތުގައި މަހަކު ނަގާ 1000 ރުފިޔާއެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ އަގުތަށް ކަނޑައަޅަން ޖެހޭނީ ދައުލަތުގެ ބަޖެއްޓަށް ބުރަނުވާ އަދި ދެމެހެއްޓެނިވިގޮތަކަށެވެ. އެހެން ނޫންނަމަ އެފަދަ މަޝްރޫޢުތައް ހިންގަން ނަގާ ލޯނު ދައްކަންޖެހޭނީ ސަރުކާރުން ބޮޑެތި އަދަދުތަކުން ސަބްސިޑައިޒްކޮށްގެންނެވެ.

ކުރީގެ ސަރުކާރުން 15 ނޮވެންބަރު 2023ގައި އިއުލާންކުރި ގެދޮރުވެރިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާމެދު އާންމުންގެ ހުރި ކަން ބޮޑުވުންތަކާއި ގުޅިގެން އެސީސީން އެކަން ބެލުމަށްފަހު ކަމާ ގުޅުންހުރި ސަރުކާރުގެ ވުޒާރާއަށް އެންގި އެންގުންތަކާއި އެއްގޮތަށް ފްލެޓް ލިބުނު މީހުންގެ ލިސްޓް އިވެލުވޭޓުކުރުމުން ޝަރުތުހަމަނުވާ އެތައް ބަޔަކަށް އޭރު ފްލެޓުދީފައިވާކަމާއި އިވެލުވޭޓް ކުރުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

އެއާއެކު ނިމިދިޔަ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ އެސްކީމްގެ ފްލެޓްތައް ދޭން ނިންމާފައިވާ ކުއްޔަކީ އެމަޝްރޫޢުގެ އަގާ ބަލާއިރު އެންމެ އެކަށޭނަ އަގަކަށް ނުވާކަން ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ވިދާޅުވެފައެވެ.

"އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށް، އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓު ލޯނަކުން ކުރާމަސައްކަތެއް މިއީ, ފައިސާ ދެއްކުމަށް ބޭނުންވާ މިންވަރު ސަރުކާރުން ހޯދާނަމަ 3 ކޮޓަރީގެ ފްލެޓަކުން 13،000ރ. ނަގަންޖެހޭ މަހު ކުއްޔަކަށް. 2 ކޮޓަރީގެ ފްލެޓަކުން 9000 ރުފިޔާ ނަގަން ޖެހޭ ކުއްޔަކަށް" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އިކޮނަމިކް ކައުންސިލުގެ ލަފާގެ މަތިން އެއަގުތަކަށް ބަދަލު ގެންނަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރިން ކަނޑައަޅާފައިވާ އެ އަގުތައް ގަބޫލުނުކުރެވޭ ކަމަށާއި، އެއީ އެންމެ ރަނގަޅަށް، އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

އީވައިސީގެ މަޝްވަރާގެ މަތިން ގެދޮރުވެރިޔާ ފްލެޓްދޭން ނިންމާފައިވާ އަދަދުތައް:

  • 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަށް 7،000 ރުފިޔާ
  • މެއިންޓެނަންސް ފީ، 1،000 ރުފިޔާ
  • ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 15،000 ރުފިޔާ
  • 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަށް 9،000 ރުފިޔާ
  • މެއިންޓެނަންސް ފީ، 1،500 ރުފިޔާ
  • ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ

ގެދޮރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ އަލަށް ފާސްކުރި މި އަގުތަކާއެކުވެސް ސަރުކާރުން ގެދޮރުވެރިޔާ މަޝްރޫއަށް ލޯނު ދެއްކުމަށްޓަކައި 100 މިލިޔަނެއްހާ ރުފިޔާ ސަރުކާރުން ސަބްސިޑައިޒް ކުރަންޖެހޭ ކަމަށެވެ.

އިންޑިޔާގެ އެގްޒިމް ބޭންކުގެ ފެސިލިޓީއެއްގެ ދަށުން، ބަޔާސް ކްރެޑިޓް ސްކީމެއްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ގެދޮރުވެރިޔާ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމަންޖެހޭއެއެވެ.

ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި މަޝްރޫޢު ވިހާވެސް އަވަހަށް ނިންމުމަށް ކޮންޓެކްޓަރުންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ.