ޚަބަރު

ތާރީޚު ނުދެކޭ ފަދަ މިންވަރަށް ޣައްޒާގައި ޔަހޫދީން ވަނީ އިންސާނީ ޙައްޤުތައް ނިގުޅައިގެންފައި: އދ


ޔަހޫދީ ނިރުބަވެރި ދައުލަތުގެ ސިފައިން ޣައްޒާގައި ހިންގަމުންދާ ޢަމަލުތަކުގެ ތެރެއިން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް، ތާރީޚު ނުދެކޭ ފަދަ މިންވަރަށް އިންސާނީ ޙައްޤުތައް ނިގުޅައިގެންފައިވާ ކަމަށް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ ވެރިޔާ ފޮލްކަރ ތުކްރު ވިދާޅުވެއްޖެއެވެ.

""ޣައްޒާގައި އިސްރާއީލުން އަސްކަރީ ޙަރަކާތްތައް ހިންގުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ގެންގުޅޭ ރަހުމްކުޑަ، ލާއިންސާނީ އުކުޅުތައް ދެކޮޅު ޖެއްސޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ޣައްޒާ އާއި ހުޅަނގު އައްސޭރި އަދި އިރުމަތީ ޤުދުސްގައި އޮތް ޙަލާތާ ގުޅޭ ރިޕޯޓެއް އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލަށް ހުށަހަޅުއްވަމުން ތުކްރު ވިދާޅުވިއެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، އިތުރު 111,000 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

އިންސާނީ ހައްޤުތަކުގެ ކައުންސިލު ބައްދަލުވުމަށް މަންދޫބެއް ބައިވެރިކުރުމަށް ޔަހޫދީން ވަނީ ދެކޮޅު ހަދައިފައެވެ. ތުރްކު ވިދާޅުވި ގޮތުގައި، ގެދޮރާއި މަދަރުސާތަކާއި ހަސްފަތާލުތަކަށް އަމާޒުކޮށް ޔަހޫދީން ވަނީ މުޅި ޣައްޒާ ސުންނާފަތިކޮށްލައިފައެވެ.

"އަދި ޣައްޒާއަށް އެހީ ވެއްދުން ފަދަ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެތަނަށް ވަނީ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި،" އޭނާ ވިދާޅުވިއެވެ. ޔަހޫދީ ނިރުބަވެރި ދައުލަތުން ހިންގާފައިވާ ހުރިހާ ޖަރީމާތަކުގެ މިނިވަން ތަހުޤީޤެއް ހިންގުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

އަދި ޔަހޫދީ ނިރުބަވެރި ދައުލަތުން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކަށް އެތެރެވެ، ޙާލަތު ބެލުމަށް އެދުނު އެދުމަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ވެސް އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.


ޔަހޫދީންގެ ޤަތުލުޢާންމު މެެދުކަނޑައިލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަނޑައެޅި އަދަދަށް އަސީރުންނާއި ޤައިދީން މިނިވަންކުރުން މިހާރު ނިމިފައިވާއިރު، އެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކޮށް، ހަނގުރާމަ ދާއިމީކޮށް ނިންމުމުގެ މަޝްވަރާތައް ފެށުމަށް އަރަބި ޤައުމުތަކާއި ވިލާތުގެ ގިނަ ޤައުމުތަކުން ވެސް ދަނީ ގޮވައިލަމުންނެވެ.