ލ. އަތޮޅުގެ ސުކޫލުތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޝީޝާ ލާމަސީލު ލާމު އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2025 ގެ ޗެމްޕިއަންކަން ހަމަދު ސްކޫލުން ހޯދައިފިއެވެ.
ލ. ގަމު ޒޯން ސްޓޭޑިއަމުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހަމަދު ސްކޫލުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި 2-1 ގެ ނަތީޖާއަކުން މާމެންދޫ ސްކޫލް ބަލިކުރުމަށްފަހުއެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ހަމަދު ސްކޫލުން ވަނީ ލީޑު ނަގާފަވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔަބުކޮށްދިނީ ނޫހު އިސްމާޢީލއެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަޙްމަދު އަޒާފް އާރިފް ވަނީ ލަނޑެއް ޖަހައި، ހަމަދު ސްކޫލްގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި މާމެންދޫ ސްކޫލުން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު ހާޒިމްއެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަމަދު ސްކޫލްގެ ނޫހެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް މާމެންދޫ ސްކޫލްގެ މުޙައްމަދު މާއިލް މޫސާ ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ހަމަދު ސްކޫލްގެ މުޙައްމަދު ރިފްދާން އަލީއެވެ. އޭނާ ވަނީ މި މުބާރާތުގައި 8 ލަނޑު ޖަހާފައެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ހަމަދު ސްކޫލްގެ އަނާން އިބްރާހީމެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު އެ ސްކޫލްގެ މުޙައްމަދު އަރީން ހޯދިއިރު، ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ކަލައިދޫ ސްކޫލެވެ.
މި މަހުގެ 18 އިން ފެށިގެން ރޭގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި މި އަހަރު ލ. އަތޮޅުގެ 11 ސްކޫލެއް ވަނީ ވާދަކޮށްފައެވެ.