ޚަބަރު

ރަމަޟާން މަހުގެ ހަނދު ފުރަތަމަ ފެންނާނެ ކަމަށް ބެލެވެނީ ހުޅަނގުގެ ބައެއް ޤައުމުތަކަށް


ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށް މުސްލިމުން ތަައްޔާރުވަމުންދާ އިރު މި އަހަރު ސަޢުދީ ޢަރަބިއްޔާގެ މައްކާއަށް ރަމަޟާން މަހަށް ހަނދު ފެންނާނެ ކަމަށް ބެލެވެނީ މާރިޗު 1ވާ ހޮނިހިރު ދުވަހު ނުވަތަ މާރިޗު 2ވާ އާދީއްތަ ދުވަހުއެވެ. މި އަހަރު މައްކާއަށް ވުރެ ކުރިން ހުޅަނގުގެ ބައެއް ޤައުމުތަކަށް ހަނދު ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ރަމަޟާން މަސް ފެށިއްޖެ ކަމަށް ކަނޑައަޅަނީ އިސްލާމީ ކަލަންޑަރަށް ބިނާކޮށް އައު ހަނދު ފެނުމުންނެވެ. ސަޢުދީ ޢަރަބިއްޔާއާއި އެހެން މުސްލިމް ޤައުމުތަކުން ރަމަޟާން މަސް ފެށިއްޖެ ކަމަށް ކަނޑައެޅުމަށް ބަރޯސާ ވަނީ ހަނދު ބަލާ މީހުންގެ ހެކި ބަހަށެވެ. އައު ހަނދު ފެންނާނީ އިރު އޮއްސޭ ފަހުން ހަނދު އޮއްސޭ ނަމައެވެ. އޭރަށް އުޑުމަތި އޮންނާނީ ހަނދުގެ ކުޑަ އަލިކަމެއް ހުރި ނަމަވެސް ފެންނަ ވަރަށް އަނދިރިވެފައެވެ.

ފެބްރުވަރީ މަހުގެ 28ވަނަ ދުވަހު, ނުވަތަ ހިޖުރީ ކަލަންޑަރުން ޝައްވާލް މަހުގެ 29ވަނަ ދުވަހު އިރު އޮއްސުމުން, އުދަރެސް ސާފުކޮށް ފެންނަހެން ހަނދު ބަލާ މީހުން ހަނދުގެ ހިލަމެއް ވޭތޯ ހުޅަނގަށް ކުރިމަތިލައިގެން ތިބެއެވެ. ހަނދު ފެނިއްޖެ ނަމަ ރަމަޟާން މަސް ފެށުނީއެވެ. އޭރުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ މާރިޗު މަހުގެ 1ވަނަ ދުވަހެވެ. ހަނދު ނުފެނިއްޖެނަމަ ޝައުބާން މަހުގައި އޮތީ 30 ދުވަސް ކަމަށް ބަލައި ރޯދަ ހިފަން ފަށާނީ މާރިޗު މަހުގެ 2ވަނަ ދުވަހުއެވެ.

ސަޢުދީ ޢަރަބިއްޔާގައި ހަނދު ފެނިއްޖެ ނަމަ ހަނދު ފެނުނު މީހުންގެ ހެކި ބަސް ރެކޯޑު ކުރެއެވެ. އެއަށްފަހު ރަމަޟާން މަސް ފެށިއްޖެ ކަމަށް ނިންމާނީ އެ ޤައުމުގެ އެންމެ މަތީ ކޯޓުންނެވެ.

އިނގިރޭސިވިލާތުގެ ނޯޓިކަލް އަލްމަނަކް އޮފީހުން ހަނދުގެ ދައުރުވުން ބެލުމަށް ބޭނުންކުރާ ‘ކްރެސެންޓް މޫން ވޮޗް’ގައިވާ ގޮތުން ފެބްރުވަރީ މަހުގެ 28ވަނަ ދުވަހުގެ ފަތިހު މައްކާ ގަޑިން ފަތިހު 3:45ގައި އައު ހަނދު ފެށޭނެއެވެ. ފެބްރުވަރީ 28ވަނަ ދުވަހު ހަނދު ފެންނާނީ ހަމައެކަނި ޕެސިފިކް ސަރަޙައްދަށާއި އިތުރު އެމެރިކާއާއި ދެކުނު އެެމެރިކާގެ ބައެއް ސަރަޙައްދުތަކަށެވެ. މެދުއިިރުމައްޗާއި ވިލާތާއި ދެކުނު އޭޝިޔާ ހިމެނޭ ގޮތަށް ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް ހަނދު ހޯދުމަށް ބޭނުންކުރާ އެކިކަހަލަ އާލާތްތައް ބޭނުން ކޮށްގެން ވެސް ހަނދު ފެންނާނެ ކަމަކަށް ނުބެލެވެއެވެ. އުޑުތައް ސާފު ނަމަ, އެއްވެސް އާލާތެއްގެ އެހީތެރިކަމާ ނުލާ ދުނިޔޭގެ ގިނަ ސަރަޙައްދުތަކަށް ހަނދު ފެންނާނެ ކަމަށް ބެލެވެނީ މާރިޗު މަހުގެ 1ވަނަ ދުވަހުއެވެ. އެހެންކަމުން ގިނަ ޤައުމުތަކުން ރޯދަ ހިފަން ފަށާނީ މާރިޗު މަހުގެ 2ވަނަ ދުވަހުއެވެ.