ޕާކިސްތާނުގެ ކިބައިން ބަންގްލަދޭޝް މިނިވަންކަން ހޯދި ފަހުން ފުރަތަމަ ފަހަރަށް ދެ ޤައުމުގެ ދެމެދުގައި ސީދާ ވިޔަފާރި ފަށައިފިއެވެ.
ޕާކިސްތާނާއެކު ނުވަ މަސް ދުވަހަށް ދެމިގެންދިޔަ ހަނގުރާމައެއް ކުރުމަށް ފަހު ކުރިން އިރުމަތީ ޕާކިސްތާނުގެ ގޮތުގައި އޮތް ބަންގްލަދޭޝް މިނިވަންކަން ހޯދައި އަމިއްލަ ދައުލަތެއް ޤާއިމް ކުރީ 1971ވަނަ އަހަރުގެ ތެރޭގައެވެ. އޭރުން ސުރެ މިހާތަނާ ޖެހެންދެން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ސީދާ މުޢާމަލާތްތައް ކޮށްފައެއް ނުވެއެވެ. ވިޔަފާރީގެ މުޢާމަލާތްތައް ކުރަނީ މެދުވެރިން ބައިވެރި ކޮށްގެންނެވެ. ނަމަވެސް 54 އަހަރަށް ފަހު ދެ ޤައުމުގެ ދެމެދުގައި ސީދާ ވިޔަފާރީގެ މުޢާމަލާތްތައް ކުރަން އަނެއްކާ ވެސް މި ވަނީ ފަށާފައެވެ. އެ ގޮތުން ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޕާކިސްތާނުގެ ޤާސިމް ބަނދަރު މެދުވެރިކޮށް 50,000 ޓަނުގެ ހަނޑޫ ވަނީ ބަންގްލަދޭޝަށް ފޮނުވަން ފަށާފައެވެ.
މި އެއްބަސްވުން ޤާއިމް ކޮށްފައި ވަނީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ނިމުމަކަށް އައިސް ބަންގްލަދޭޝްގެ ހިންގުމާ އިންތިޤާލީ ސަރުކާރަކުން ޙަވާލުވުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
މި މަހުގެ ތެރޭގައި ވި އެއްބަސްވުމުގެ ދަށުން ޕާކިސްތާނު އަަތުން ޓަނަކަށް 499 އެމެރިކާ ޑޮލަރުގެ މަގުން 50,000 ޓަނުގެ ހުދު ހަނޑޫ ބަންގްލަދޭޝުން ގަތުމަށް ވަނީ ދެ ފަރާތުން އެއްބަސްވެފައެވެ. ބަންގްލަދޭޝަށް ހަނޑޫ ފޮނުވުމަށް ނިންމާފައި ވަނީ ދެ މަރުޚަލާއަކަށް ބަހާލައިގެންނެވެ. 25,000 ޓަނުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ފޮނުވުމަށް ފަހު ދެވަނަ އަދި ފަހު ޝިޕްމަންޓު ފޮނުވުމަށް ހަމަޖެހިފައި ވަނީ މާރިޗު މަހުގެ ކުރީ ކޮޅެވެ.
ނަމަވެސް ޕާކިސްތާނުން ގަންނަ ހަނޑުލުގެ އަގަށް ވުރެ ބަންގްލަދޭޝަށް ވިއެޓްނާމުން އެތެރެކުރާ ހަނޑުލުގެ އަގު ހެވެވެ. ބަންގްލަދޭޝުން ވިއެޓްނާމް ހަނޑޫ އެތެރެ ކުރަނީ ޓަނަކަށް 474.25 އެމެރިކާ ޑޮލަރުގެ މަގުންނެވެ.
ފާއިތުވި މަސްތަކުގައި ބަންގްލަދޭޝްގައި ހަނޑުލުގެ އަގު ވަނީ 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ ނިސްބަތަކަށް އުފުލިފައެވެ. ހަނޑުލުގެ ބާޒާރު ހަމައަކަށް އަޅުވާ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ބަންގްލަދޭޝްގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެެވެ. އާދައިގެ ހަނޑޫ ކިލޮއެއް ބަންގްލަދޭޝްގައި މިހާރު ލިބެނީ 0.66 ޑޮލަރަށެވެ. ހަނޑުލުގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ބަންގްލަދޭޝުން ދަނީ ބޭރުގެ ބާޒާރުތަކުން ހަނޑޫ އެތެރެކުރާ މިންވަރު އިތުރު ކުރަމުންނެވެ. ހަނޑޫ އެތެރެ ކުރުމަށް ނަގާ އިމްޕޯޓު ޑިއުޓީ ވެސް ސަރުކާރުން ވަނީ ކަނޑާލައިފައެވެ.