ދީން

ދިވެހިން ޢީދު ފާހަގަކުރަނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށްތޯ؟


ދިވެހިން އެކި މުނާސަބަތުތައް ފާހަގަކުރާއިރު، އެ މުނާސަބަތުތަކުގައި ތަފާތު ޙަރަކާތްތައް ހިންގައެވެ. އޭގެ ތެރޭގައި އެ މުނާސަބަތަކާ ގުޅޭ ރަސްމީ އިޙްތިފާލަތައް ބޭއްވުމާއި ދިވެހި ޘަޤާފަތާއި އާދަކާދައިގެ ތެރެއިން ކުރެވެމުން އަންނަ އެހެން ބައެއް ކަންކަމާއި އަދި ދިވެހިންގެ އަމިއްލަ ކުޅިވަރުތަކާއި އެހެން ޤައުމުތަކުން ދިވެހިރާއްޖޭހެ ޘަޤާފަތުގެ ތެރެއަށް އައިސްފައިވާ އަދި އަންނަމުންދާ ކުޅިވަރުތައް ހިމެނެއެވެ. މި މުނާސަބަތުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އެކި ރަށްރަށާއި މުޖުތަމަޢުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ދެ މުނާސަބަތަކީ ފިޠުރު ޢީދާއި އަޟްހާ ޢީދެވެ. މި ދެޢީދުގެ އެންމެ މުހިންމު ކަމަކީ އެންމެން އެއްވެގެން ކުރާ ޢީދުނަމާދެވެ. އޭގެ އިތުރަށް ޞަދަޤާތްކުރުމާއި ސަލާންގަލާން ކުރުމާއި ތިމާގެ މީހުންނާއި އަވަށްޓެރިންނަށް ޒިޔާތަކުރުމާއި އުފާފާޅުކުރުމަށް ކުޅިވަރު ކުޅުން ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/3662.jpg|ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަނީ

ދިވެހިންގެ ދީނީ ހޭލުންތެރިކަން ހުންނަ މިންވަރާއި ދީނީ އެންމެ ރަނގަޅު ގޮތް އޮޅުން ނުފިލާ ދުވަސްވަރު ޢީދު ދުވަހުގެ މުނާސަބަތުގައި ކުރި ބައެއް ކަންކަން މިހާރު ވަނީ ދޫކޮށްލާފައެވެ. އޭގެތެރޭގައި ދީނީ ކަންކަމުގެ ގޮތުގައި ދެކިގެން ކުރި ކަންކަމާއި ޘަޤާފީ ކަންކަމުގައި ގޮތުގައި ވާރުތަވަމުން އައި ކަންކަންވެސް ހިމެނެއެވެ.ހެޔޮ ބަދަލުތައް އަންނަމުންދާއިރު، މިހާރަކަށް އައިސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދެ ޖިންސުގެ މީހުން މަސްހުނިވެގެން ކުރިން ކުޅެމުން އައި ކުޅިވަރުތައް މިހާރު އިސްލާމީ އަބަދުތަކާ އެއްގޮތަށް ބަދަލުކުރަމުން އަންނަކަމެކެވެ. 

ދިވެހިން ޢީދުގައި ކުޅޭ ބައެއް ކުޅިވަރުތަކުގެ ފެންކުޅިއާއި، ޢީދުމާލި، ބޮޑު މަސް ބޭނުން، ބޮޑުމާލި، ދަފިނެގުން، ފަދަ ކުޅިވަރުތަކަކީ އިހުގައި ރާއްޖޭގައި ވަރަށް ފޯރިއާއެކު ޢީދާ ގުޅުވައިގެން ކުޅެމުން އަންނަ ކުޅިވަރުތަކެކެވެ. 

ފަހަކަށްއައިސް ޢީދުގެ މުނާސަބަތުގައި ޒަމާނީ ކުޅިވަރުތަކުގެ މުބާރާތްތައްވެސް ބާއްވައެވެ. ޢާއިލާގެ މެންބަރުންގެ ތެރެއިން ރަށުން ބޭރުގައި އުޅޭ ގިނަބަޔަކުވެސް ޢީދަށް ޢާއިލާ ކައިރިއަށް އައިސް އުޅޭއިރު މިފަދަ ކުޅިވަރުތަކުގައި އަންނަނީ ބައިވެރިވެ އުފާކޮށް މަޖާކުރަމުން. ބައެއް ކުޅިވަރުތަކަކީ ހަމައެކަނި އަންހެނުންނަށް ޚާއްޞަ ކުޅިވަރެކެވެ. އަނެއްބައި ކުޅިވަރުތަކަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ކުޅިވަރު، އެހެންނަމަވެސް ދެޖިންސުގެ މީހުން އެކުގައި ބައިވެރިވެ ގައިގޯޅިކަމަށް ޖާގަ ތަނަވަސްވާކަމަށް ބެލެވޭ ކުޅިވަރުތައްވެސް ކުޅެމުން އައެވެ. އެހެންނަމަވެސް ދިވެހިންގެ ކިބައިގައި ދީނީ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުވުމުން މިފަދަ އިސްލާމް ދީން ތަރުޙީބު ނުދޭ އަދި ދީނާ ބީރައްޓެހި ކަންކަން މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

img:http://s4.psmnews.mv/images/660x400/14677860346132.jpg|ކުޑަކުދިންތަކެއް ޢީދަށް ތައްޔާރުވަނީ

ރާއްޖޭގެ ދީނީ ޢިލްމުވެރިއެއްކަމަށްވާ، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރ ޑރ.އަބްދުﷲ ޖަމީލު ވިދާޅުވީ މި ހެޔޮ ބަދަލު ދިވެހި މުޖުތަމަޢުން މިހާރު ތަޖުރިބާކުރެވޭކަމަށެވެ. ޢީދަކީ އަޅުގަނޑުމެން މުސްލިމުންނަށް ފާހަގަކުރުމަށް ކަނޑައަޅުއްވާފައިވާ ދުވަސްތަކަށް ވާއިރު މި ދުވަސްތައް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ގިއުގަނޑުގެ ތެރޭގައި ފާހަގަކުރަން ޖެހޭކަން ޑރ އަބްދުއްﷲ ޖަމީލު ފާހަގަކުރެއްވިއެވެ.

ދިވެހި މުޖުތަމަޢަކީ އިލްމު އުނގެނުމާއި ދުނިޔޭގެ ތަހުޒީބު، ނާތަހުޒީބު ކަންކަން ދުށުމުގެ ތަނަވަސްކަން ހުރި، އެކަންކަމުގެ ހެޔޮނުބައި ވަކިކުރުމުގެ ހޭލުންތެރިކަން ލިބިގެންވާ ބަޔަކަށްވުމަކީ ކަންކަން އިޞްލާޙުވަމުން އަންނަ މުހިންމު ސަބަބެކެވެ. އަދި ދީނީ ޢިލްމުވެރިން ކުރައްވާ މިންނަތް މަސައްކަތްތަކަކީވެސް މިފަދަ ހެޔޮ ބަދަލު އަންނަ މުހިންމު ސަބަބެކެވެ.