ދީން

ރައީސުލްޖުމްހޫރިއްޔާ ޢީދު ސަލާމް ކުރެއްވުން


ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާއާ ޢީދު ސަލާމް ކުރެއްވުން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފިއެވެ.

ރައީސުލްޖޫމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްއާ ޢީދު ސަލާމް ކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށްފަހު، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ރައީސްއާއި ޢީދު ސަލާމް ކުރެއްވުން މިއަދު ހެނދުނު 8:30 ހުން 9:30 އަށް ކުރިއަށްގެންގޮސްފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިރައްޔިތުން އެމަނިކުފާނާއި ޢީދު ސަލާމް ކުރައްވާ، ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަޙްނިޔާއާއި ރައްދުކުރެއްވިއެވެ. އެގޮތުން ގިނަ އަދަދެއްގެ ތުއްތުކުދިންނާއި، އަންހެން ބޭފުޅުންގެ އިތުރުން، ފިރިހެން ބޭފުޅުންނާއި، އުމުރުން ދުވަސްވީ ފަރާތްތައް އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވަނީ ރައީސް ޢަބްދުﷲ ޔާމިންއާއި ޢީދު ސަލާމް ކުރައްވާފައެވެ.

މީގެ އިތުރުން، ދައުލަތުގެ ބައެއް ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، މަންދޫބުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޢީދު ސަލާން ކުރައްވާފައެވެ.