ދީން

އަލިގަދަ ތަރި ޖޫނިއަރ އަދި ރައީސްގެ ޤުރުއާން މުބާރާތް ބާއްވަނީ


ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަށް ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން ކިޔެވުމުގެ މުބާރާތާއި، ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ ބޭއްވުމަށް ޕީއެސްއެމްއިން ނިންމައި، އެކަން އިއުލާންކޮށްފިއެވެ. 

މިކަން އިއުލާން ކުރީ، 1437ވަނަ އަހަރުގެ ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި ޕްރޮގްރާމްގެ ގްރޭންޑް ފިނާލޭގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަށް ބާއްވާ ބައިނަލްއަގްވާމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން ޕީއެސްއެމްއާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެނެވެ. އަދި މި މުބާރާތަށް ފަންނީގޮތުން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ އަންނަ އަޟްހާ އީދާ ގުޅުވައިގެން ބޭއްވުމަށް ނިންމަވާފައިވާކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ޚަލީލް ވިދާޅުވިއެވެ.

ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ނަމުގައި ކޮންމެ ރަމަޟާން މަހަކު މި ޕްރޮގްރާމް ޕީއެސްއެމްއިން ގެނެސްދޭ މިއީ ހަތަރުވަނަ އަހަރެވެ. މިއަހަރުގެ ޕްރޮގްރާމަކީ، މިހާތަނަށް އެންމެ ބޮޑު ފައިސާގެ އިނާމް ހުށަހެޅި ޕްރޮގްރާމެވެ.