ދީން

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް އާދަމް ނަސީމް ހޮވިއްޖެ


1437 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ޝަރަފު ށ.ފޯކައިދޫ އާދަމް ނަސީމް ހޯދައިފިއެވެ. 

ޕީއެސްއެމްއިން ބޭއްވި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ޝަރަފު އާދަމް ނަސީމް ޙާސިލް ކުރެއްވީ ރާއްޖޭގެ އެކިކަންކޮޅުތަކުން އޮޑިޝަންގައި ބައިވެރިވި ބައިވެރިންގެ ތެރެއިން މުބާރާތަށް ހޮވުނު 12 ބައިވެރިންނާ ވާދަކޮށެވެ.

ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރިއަކަށް އާދަމް ނަސީމް ހޮވުނީ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ގްރޭންޑް ފިނާލޭގައި ގަދަ ތިން ބައިވެރިންގެ ކިޔެވުމަށް ބެއްލެވުމަށްފަހު ޖަޖުންގެ ޕެނަލުން ދެއްވި މާކްސްއާއެކުއެވެ. އޭނާއަށް ޕީއެސްއެމުން ދިން ބައި މިލިއަން ރުފިޔާގެ ފައިސާގެ އިނާމާއި އަލިގަދަ ތަރީގެ ލަޤަބް އަދި އިނާމްތައް ހަވާލުކޮށްދެއްވީ، މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދުއެވެ. މި ޕްރޮގްރާމްގެ ދެވަނަ ހާސިލް  ކުރީ، ހއ.އުތީމު އިބްރާހިމް އިމާޒްއެވެ. އަދި ތިންވަނަ ހާސިލްކުރީ، ސ.މަރަދޫ އަބްދުﷲ ތާލިބްއެވެ.

img:http://s1.psmnews.mv/images/660x400/14677971624273.jpg|އެންމެ އަލިގަދަ ތަރީގެ ގަދަ 3 ބައިވެރިން

ބައިމިލިއަން ރުފިޔާ ޕީއެސްއެމްއިން ހުށަހެޅި ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ އަގުބޮޑު މުބާރާތެވެ. އަދި ޓީވީ ޕްރޮގްރާމްވެސްމެއެވެ. މިއީ ޓީވީއެމްއިން ދިވެހިރާއްޖޭގެ އެންމެ އަލި ގަދަ ތަރި ޕްރޮގްރާމް ގެނެސްދިން 4 ވަނަ އަހަރެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުގެ ޕްރޮގްރާމްގައި ތަފާތު ގިނަ މަސައްކަތްތަކެއް ބައިވެރިންނާ ހަވާލުކޮށް ކުރުވާފައިވެއެވެ. އެގޮތުން ކީރިތި ޤުރުއާން ބަލައިގެން ރީއްޗަށް ކިޔެވުމާއި ތަޖުވީދުގެ އިތުރަށް މަސްޖިދުލް ޙަރަމްގައި ބަންގި ގޮވާގޮތަށް ބަންގިގޮވުމާއި، ކީރިތި ޤުރުއާނުގެ ތަފްޞީރުގެ ހުނަރާއި އެކު ކިޔެވުމާއި، ޤުރުއާން ތަފްސީރުކޮށް ތަހްލީލްކުރުން ހިމެނެއެވެ. ހަމައެހެންމެ ތަފާތު ރާގުތަކަށް ޤުރުއާން ކިޔެވުންވެސް ފެނިގެން ދިޔައެވެ.

ރޭގެ ޕްރޮގްރާމްގައި ވަނަތައް ޙާސިލްކުރި ބައިވެރިންނަށް ގިނަ އިނާމްތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި، އިސްލާމިކް ޔުނިވަސިޓީން ހުށަހަޅުއްވާފައިވާ 3 އަހަރު ދުވަހުގެ ޑިގްރީ ޕްރޮގްރާމާއި، އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކާފުލް އިސްލާމިކް ވިންޑޯއިން ހުށައަޅާފައިވާ 1.3 މިލިއަން ރުފިޔާގެ އިންޝުއަރެންސް ސްކީމާއި، ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ ތަފާތުއިނާމްތައް ހިމެނެއެވެ. 

img:http://s3.psmnews.mv/images/660x400/14677971785274.jpg|އެންމެ އަލިގަދަ ތަރީގެ ގަދަ 3 ބައިވެރިން

މީގެ އިތުރުން އެއްވަނަ، ދެވަނަ، ތިންވަނައަށް ހޮވުނު ފަރާތްތަކަށް ޙައްޖު ދަތުރާއި، ޢުމްރާ ދަތުރު ހިމެނެއެވެ . މީގެތެރޭގައި  ތިން ހަރަމަށް ޒިޔާރާތް ކުރާ ގޮތަށް  ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުވެސް އިނާމެއްގެ ގޮތުގައި ދީފައިވެއެވެ. ތިން ބައިވެރިންނަށް ހުށައެޅިފައިވާ އިނާމްގެ އަގު 6 މިލިއަނާއި ގާތްކުރެއެވެ.

މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ޤުރުއާން މުބާރާތުގެ އެއްވަނަ ހާސިލްކުރި ފަރާތަށް ހެޔޮއެދޭ ފަރާތްތަކުން ހުށަހަޅާފައިވާ އިނާމުތަކާއެކު ގާތްގަނޑަކަށް 1.9 މިލިއަންރުފިޔާގެ އަގު ހުރި އިނާމް ލިބިފައިވެއެވެ. 

ދެވަނަ އަދި ތިންވަނައަށް ހޮވުނު ކޮންމެ ބައިވެރިއަކަށް 1.3 މިލިއަން ރުފިޔާގެ އަގުހުރި އިނާމް ލިބިގެންދިޔައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ދެއްކެވި ވާހަކަފުޅުފައި ވަނީ  ޕީއެސްއިން އިންތިޒާމްކޮށްގެން  ބާއްވާ މިފަދަ މުބާރަތްތަކުގެ ސަބަބުން ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ އަދި ރީތިކޮށް ޤުރުއާންކިޔަވާ ބަޔަކަށްވުމަށް ފުރުޞަތު ތަނަވެސްވެގެންދާކަން ފާހަގަކުރައްވާ ޕީއެސްއެމުން ކުރާ މަސައްކަތް ފާހަގަކުރައްވައި ހިތްވަރުދެއްވާފައެވެ.

img:http://s2.psmnews.mv/images/660x400/14677972009767.jpg|އެންމެ އަލިގަދަ ތަރީގެ ގްރޭންޑް ފިނާލޭ

އެންމެ އަލިގަދަ ތަރީ ޕްރޮޖެކްޓުގެ ހެޑް އަދި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވަނީ  ކީރިތި ޤުރުއާން ކިޔެވުމުގެ ހަތަރުވަރަކަށް ޕްރޮގްރާމް ހިންގަވަން  ޕީއެސްއެމުން އިންތިޒާމް ކުރައްވަން އަމާޒުކުރައްވާފައިވާކަމަށް ވިދާޅުވެ  އޭގެ ތަފްސީލް ހިއްޞާކުރައްވާފައެވެ. އެންމެ އަލިގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމުކޮށް،  ޢާއްމުންނަށް ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ކީރިތި ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ. މިފަހަރުގެ ޕްރޮގްރާމް ދައްކަން ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުގެރެއެވެ.