ޚަބަރު

ޔޫކްރެއިން ހަނގުރާމައަަށް ތިން އަހަރު: ޓްރަމްޕް-މެޚްރޮންގެ މުހިންމު މަޝްވަރާތަކެއް


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ މީގެ ތިން އަހަރު ކުރިން، 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ހަނގުރާމައަށް ތިން އަހަރު ފުރުނު ދުވަހު، ވިލާތުގެ ބައެއް ޤައުމުތަކުގެ ވެރިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވަށް ދަތުރު ކުރައްވާފައެވެ. ނަމަވެސް، ހަނގުރާމައިގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި އޮތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކީވަށް ދަތުރު ކުރައްވާފައެއް ނެތެވެ. ޓްރަމްޕްގެ ސަރުކާރުގެ އިސް ވެރިއެއް ވެސް ޔޫކްރެއިނަށް ވަޑައިގަންނަވާފައެއް ނުވެއެވެ.

މި ނިންމުމުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ މެދު ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރު ހާމަވެގެން ދިޔައެވެ. ހަނގުރާމައިގައި ޔޫކްރެއިނަށް މާލީ ގޮތުންނާއި، ހަތިޔާރާއި އަސްކަރީ ދާއިރާއިން އެންމެ ބޮޑު އެހީތެރިކަމެއް ވެދެމުން ގޮސްފައި ވަނީ އެމެރިކާއިންނެވެ. ނަމަވެސް، ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޓްރަމްޕް ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު އެ ސިޔާސަތު ވަނީ ބަދަލު ކުރައްވާފައެވެ. ޓްރަމްޕް ސިފަ ކުރައްވާފައިވާ ގޮތުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަކީ ޚުދްމުޚްތާރު ވެރިއެކެވެ. އަދި، އެމެރިކާއިން ދީފައިވާ އެހީތެރިކަން ޔޫކްރެއިނުން އަނބުރާ ދައްކަން ޖެހޭނެއެވެ. ނުވަތަ، އޭގެ ބަދަލު ދޭން ޖެހޭނެއެވެ.

ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުން ގޮސްފައިވާ އަސްކަރީ އަދި މާލީ އެހީއަކީ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ އެއްޗެއް ނޫން ކަމުގައެވެ. އޭނާ ވަނީ އޭގެ ބަދަލު ދެއްކުމުގެ ގޮތުން ޔޫކްރެެއިނަށް ދެ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއް ގޮތަކީ، އެ ފައިސާ އަނބުރާ ދައްކައި ޚަލާސް ކުރުމެވެ. ދެވަނަ މަގަކީ، ޔޫކްރެއިންގެ ޤުދުރަތީ އަދި މައުދަނީ މުއްސަނދި ކަމުން ނަފާ ހޯދުމުގެ ޙައްޤު އެމެރިކާއަށް ދިނުމެވެ. ޒެލެންސްކީގެ ސަރުކާރުން ބުނީ، ޔޫކްރެއިންގެ މައުދަނީ މުއްސަނދި ކަމުން ނަފާ ހޯދުމުގެ ފުރުޞަތު އެމެރިކާއަށް ދިނުމާ މެދު އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅޭ މަޝްވަރާތަކަށް މެކްޚްރޮން ވޮޝިންގޓަނަށް

ޔޫކްރެއިން ހަނގުރާމައަށް ތިން އަހަރު ފުރުމާ ގުޅިގެން ޓްރަމްޕް ކީވަށް ވަޑައިގަންނަވާފައި ނެތް ނަމަވެސް، އޭނާ ވަނީ ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮނާ ބައްދަލުކުރައްވައި ޔޫކްރެއިންގެ ކުރިމަގާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ޔޫކްރެއިނާއި އެމެރިކާއާ ދެމެދު މައުދަނީ މުއްސަނދި ކަމުން ނަފާ ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޒެލެންސްކީ ވޮޝިންގޓަނަށް ވަޑައިގަންނަވާނެ ކަމުގައެވެ. ނަމަވެސް، އެ ކަމުގެ އިތުރު ތަފުސީލު އޭނާ ހާމަ ކުރައްވާފައެއް ނެތެވެ.

"އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒަކީ ވީ އެންމެ އަވަހަކަށް ހަނގުރާމަ މެދުކެނޑުމަކަށް ގެނައުން، އަދި ދާއިމީ ގޮތެއްގައި ސުލްޙަ ޤާއިމު ކުރުން،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، އޭނާގެ އިސްނެންގެވުމަށް އެމެރިކާއާއި ރަޝިޔާއާ ދެމެދު ފަށާފައިވާ މަޝްވަރާތަކަށެވެ. އެ މަޝްވަރާތައް ފަށާފައި ވަނީ ޔޫކްރެއިނާއި ވިލާތުގެ ޤައުމުތަކުގެ ބަހަކާ ނުލައެވެ. އަދި، ޔޫކްރެއިންގެ ބައިވެރިވުމާ ނުލައެވެ. ނަމަވެސް، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ހަނގުރާމަ މެދުކަނޑައިލުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއާއި ރަޝިޔާއާ ދެމެދު މަޝްވަރާތައް ބާއްވާފައި ވަނީ ސަަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައެވެ. ޒެލެންސްކީއަކީ ޚުދްމުޚްތާރު ވެރިއެއް ކަމުގައި ޓްރަމްޕް ސިފަ ކުރައްވާފައިވާއިރު، ހަނގުރާމަ ފަށާފައި ވަނީ ޒެލެންސްކީގެ އަމަލުތަކުގެ ސަބަބުން ކަމުގައި ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި، ހަނގުރާމައިގައި ރަޝިޔާގެ ރައީސް ވްލަޑިިމިޔަރ ޕުޓިންގެ އެއްވެސް ދައުރެއް އޮތް ކަމަށް ފާޅުގައި އެއްބަސްވެ ވަޑައިގެންނެވުމަށް ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. މިއީ، ވިލާތުގެ ޤައުމުތަކުގެ އިތުރުން ޔޫކްރެއިނުން ވެސް ކަންބޮޑުވުން ފާޅު ކޮށްފައިވާ ވަރަށް ހައްސާސް މައްސަލައެކެވެ.

ޔޫކްރެއިންގެ ޤުދުރަތީ މުއްސަނދި ކަމުން އެމެރިކާއަށް ނަފާ

ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ފަހު މެކްޚްރޮން ވެސް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިން ހަނގުރާމަ މެދުކެނޑުމަކަށް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. އަދި، އެމެރިކާއާއި ޔޫކްރެއިނާ ދެމެދު މައުދަނީ މުއްސަނދިކަމާ ގުޅޭ ގޮތުން ވެވޭ އެއްބަސްވުމަކީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ވެސް މެކްޚްރޮން ސިފަ ކުރެއްވިއެވެ.

ރަޝިޔާއަށް ފައިދާ ކުރަނިވި އެއްބަސްވުމެއްގެ ދަށުން ހަނގުރާމަ މެދުކަނޑައިލުމަކީ ވިލާތުގެ ޤައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ. އަދި، ސުލްޙަ ދެމެހެއްޓުމުގައި ވިލާތުގެ ޤައުމުތަކުން އިސް ދައުރެއް އަދާ ކުރަން ޖެހޭނެ ކަން އެމެރިކާއިން ހާމަކޮށްފައިވާއިރު، ޔޫކްރެެއިންގެ ދިފާޢު ކަށަވަރު ކޮށްދޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކޮށްދިނުމާ ނުލައި ދާއިމީ ގޮތެއްގައި ސުލްޙަ ދެމެހެއްޓޭނެ ކަމުގައި ޔޫކްރެއިނުން ޤަބޫލެއް ނުކުރެއެވެ.

މަަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޔޫކްރެއިންގެ ޤުރުދަރީ އަދި މައުދަނީ މުއްސަނދި ކަމުގެ ނަފާ ހޯދުމުގެ ޙައްޤު އެމެރިކާއަށް ދިނުން ނޫން އިތުރު މަގެއް އެ ޤައުމަށް މި ވަގުތު ނެތް ކަމުގައެވެ. އެމެރިކާއިން ހުށަހަޅާފައި ވަނީ ޔޫކްރެއިންގެ ޤުދުރަތީ އަދި މައުދަނީ މުއްސަނދި ކަމުގެ ތެރެއިން 500 ބިލިޔަން އެމެރިކާ ޑޮލަރުގެ ޙައްޤުތައް އެ ޤައުމަށް ދޫކޮށްލުމަށެވެ. ނަމަވެސް، އެއާ އެއް ހަމަ އެހީތެރިކަން އެމެރިކާއިން ފޯރުކޮށްދީފައި ނެތް ކަމަށް ވިދާޅުވެ، ޒެލެންސްކީ ވަނީ އެއްބަސްވުމުގައި ސޮއި ކުރަން ކުރިން ދެކޮޅު ހައްދަވާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގެ ބައްރުގައި ހިނގާ އެންމެ ބޮޑު، އަދި އެންމެ ލޭއޮހޮރުވުން ގިނަ ހަނގުރާމައެވެ. މި ހަނގުރާމައަށް ތިން އަހަރު ފުރޭ ދުވަހާ ގުޅުވައި އެ ޤައުމަށް ވިލާތުގެ ބައެއް ޤައުމުތަކުގެ ވެރިން ދަތުރު ކުރައްވާފައިވާއިރު، އޭގެ ތެރޭގައި ވިލާތުގެ ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔަން، ވިލާތުގެ ކައުންސިލްގެ ރައީސް އެންތޯނިޔޯ ކޯޝްތާ، އަދި ކެނެޑާ، ޑެންމާކް، އައިސްލެންޑް، ލެޓްވިޔާ، ލިތުއޭނިޔާ، ފިންލެންޑް، ނޯވޭ، ސްޕެއިން އަދި ސްވިޑެންގެ އިސް ވެރިން ހިމެނި ވަޑައިގަންނަވައެވެ. ޒެެލެންސްކީ ވަނީ އެ ބޭފުޅުންނާ ބައްދަލު ކުރައްވައި، ޔޫކްރެއިންގެ ކުރިމަގާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.