ޚަބަރު

މަޤާމު ފުރާނީ މިނިވަންކަމާއެކު، ހުރަހެއްނެތް: މަޖިލީހުގެ ރައީސް


  • މަޖިލިސް ރައީސްކަމުގެ މަޤާމު އަދާކުރުމުގައި ހުރަސްތަކެއްހުރިކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރޭ

މަޖިލީހުގެ ރައީސްކަމުގެ މަޤާމު އަދާކުރައްވަނީ މިނިވަންކަމާ އެކުކަމަށާއި އެމަޤާމު އަދާކުރެއްވުމަށް އެމަނިކުފާނަށް އެއްވެސް ހުރަހެއް ނެތްކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނަށް ބައެއް ފަރާތްތަކުން ނުފޫޒު ފޯރުވައި، ބަޔަކު ބޭނުންވާ ގޮތަށް އެމަނިކުފާނު ޢަމަލުކުރަމުން މަޖުބޫރުވެފައިވާ ފަދަ މޭރުމަކުން އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަވަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސެއްގައި ހުށަހެޅިފައި އޮތް މައްސަލައިގެ މަޢޟޫއާ ނުގުޅޭގޮތަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަފުޅު ކުރިއަށްގެންދަވާތީ ރިޔާސަތުން އެކަން ހުއްޓުމުން މެންބަރު މީކާއީލް ވަނީ މަޖިލީހުގެ ރައީސްގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް ވިދާޅުވެ އެމަނިކުފާނަށް ބަޔަކު ބިރުދައްކައިގެން ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ.

އެވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ އެމަނިކުފާނުގެ ޞީއްޙީ ހާލަތާއި ދިރިއުޅުއްވުމުގެ ޙާލަތު އެ މެންބަރަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވީ މަޖިލިސް މެންބަރުންގެ ވޯޓުންކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދަވަނީ އެއްވެސް މީހެއް އަދި ބައެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ކަމަށެވެ. އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"މެންބަރަށް ނޭނގޭނެ އަޅުގަނޑުގެ ޞިއްޙީ ހާލަތެއްވެސް އަދި ދިރިއުޅުމުގެ ހާލަތެއްވެސް. މި އިނީ ވަރަށް މިނިވަންކަމާއެކު. މަސައްކަތް އަދާކުރަން ހުރަހެއް ނެތް. ކަންކަން އޮޅުވާލުމަށް މަސައްކަތް ނުކުރެއްވުމަށް އެދެން" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވަނީ ސާބިތުނުހިފޭ ތުހުމަތުތައް ނުކުރެއްވުމަށް މެންބަރަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.