ޚަބަރު

ޤާނޫނަށް ބަދަލު ނުގެނެސް މުސާރަ ކުޑަނުކުރެވޭނެކަމަށް ލަފާދޭން މަޖިލީހުން ފާސްކޮށްފި


  • ބައެއް މުއައްސަސާތައް އެއްކޮށްލައިގެން ޚަރަދު ކުޑަކުރުމަށް ރައީސަށް ލަފާދިނުމަށް ނިންމާފައިވޭ

  • އެކު އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުމަށް ރައީސަށް ލަފާދިނުމަށް ނިންމާފައިވޭ

މިނިވަން މުޢައްސާސާތަކުގެ މުސާރައަށް ބަދަލު ގެނެވޭނީ ޤާނޫނު އިސްލާހުކޮށްގެން ކަމަށްވާތީ، ޤާނޫނޫ އިސްލާހުކުރުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ނިންމައި މުސާރަ ކުޑަކުރުމާއި ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާ ކުރެއްވި މައްސަލައިގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ އިޤުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މިނިވަން މުއައްސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ޝަރުޢީ ދާއިރާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ދެ އަހަރުު ދުވަހަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވީ މި މަހުގެ 10ވަނަ ދުވަހުއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީންމި މައްސަލަ ދިރާސާކުރުމަށްފަހު ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެވެސް ވޯޓާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައިވާ މައްސަލާގައި ވަނީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރަ 12000 ރުފިޔާއިން މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމާ މެދު ލަފަޔަކަށް އެދިފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ އިތުރުން ޝަރުޢީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށްވެސް ލަފަޔަށް އެދިފައިވެއެވެ.

މި މައްސަލާގެ ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ގިނަ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރެވޭނީ ގުޅުންހުރި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ. އަދި އެއް ގިންތިއެއްގެ މަޤާމުތަކަށް މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއްކަމަށްވެސް ރިޕޯޓުގައިވެއެވެ. އެހެންކަމުން ޤާނޫނުތަކަށް ބަދަލު ނުގެނެސް މުސާރަ އުނިކުރުމަށް ކޮމިޓީން ނިންމުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީ އަސާސީ މުސާރައިން 10 އިންސައްތަ ކުޑަ ކުރުމަށް މިވަގުތު ނުފެންނަކަމަށް ރިޕޯޓުގައިވެއެވެ.

ކޮމިޓީން ނިންމާފައިވަނީ ގުޅުންހުރި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވުމުން އަލުން މި މައްސަލަ މަޖިލީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ކޮމިޓީން ނިންމި އެހެން ކަންކަމުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައިގެން ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ކޮމިޓީއަށް ފެންނާތީ މީގެ އިތުރުންވެސް އެއްކޮށްލެވެން ހުރި މުއްސަސާތައް ދެނެގަނެ އެއްކޮށްލެވިއްޖެނަމަ ޚަރަދު ކުޑަކުރެވޭނެކަމަށް ފެންނަކަމަށް ރައީސަށް ލަފާ އެރުވުން ހިމެނެއެވެ.

މީގެ އިތުރުން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމާއެކު އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް، އާމްދަނީގެ ކޮމްޕްލައަންސް އިތުރަށް ރަނގަޅުކޮށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ތަންފީޒްކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.