ފަސް ޤައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި 5 ޤައުމަކީ ބްރޫނާއީ ދާރުއްސަލާމާއި ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގާއި ކިންގްޑަމް އޮފް ނެދަލެންޑްސްއާއި ފްރާންސްއާއި އޮސްޓްރޭލިޔާއެވެ.
މި 5 ޤައުމަށް އައްޔަންކުރުމަށް ހުށައެޅުއްވި ނަންތައް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ކޮމިޓީން ނިންމާފައިވަނީ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ހުރިހާ ބޭފުޅުންނަކީވެސް ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން އެކަށީގެންވާ ބައެއް ކަމަށެވެ.
ކޮމީޓިގެ ނިންމުމާ އެއްގޮތަށް 5 ޤައުމަކަށް ނޮން ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ބޭފުޅުންނަކީ އެކަށީގެންވާ ބައެއްކަމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ބްރޫނާއީ ދާރުއްސަލާމް - ޑޮކްޓަރ މަރިޔަމް ޝަބީނާ އަޙްމަދު
ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގްއާއި ކިންގްޑަމް އޮފް ނެދަލެންޑްސް - ޤީލާ ޢަލީ
ފްރާންސް - އިރުތިޝާމް އާދަމް
އޮސްޓްރޭލިޔާ - މުޙައްމަދު ލުވޭޒު
މި ޤައުމުތަކަށް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވީ މި މަހުގެ 17ވަނަ ދުވަހުއެވެ. ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރުމުން އެ ފަރާތްތައް ސަފީރުކަމުގެ މަޤާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.