އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު 4-3 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް މޮޅުވެއްޖެ އެވެ.
މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުުނު 26 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ނޮޓިންހަމް ފޮރެސްޓް އަށް ލިބިފައިވާ 47 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ވަނީ 64 ޕޮއިންޓް ލިބިފަ އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ނޮޓިންހަމް ފޮރެސްޓް އިންނެވެ. މި ލަނޑު މެޗުގެ ހަވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކަލަމް ހަޑްސަން އޮޑޮއީ އެވެ.
ނަމަވެސް މެޗުގެ 23 ވަނަ މިނިޓުގައި ނިއުކާސަލްގެ ލެވިސް މިލޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް ނިއުކާސަލް ޔުނައިޓެޑަށް ކުރި ލިބިފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި ޖެކޮބް މާފީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ ފަހުން މެޗުގެ 33 ވަނަ މިނިޓާއި 34 ވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
ނިއުކާސަލް ޔުނައިޓެޑް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އެލެކްޒެންޑަރ އިސާކް ޖެހިއިރު އޭނާ ޖެހި ދެ ލަނޑާއެކު ޕްރިމިއާ ލީގުގެ ލެގެންޑުންގެ ލިސްޓުން އޭނާއަށް ވަނީ ފުރުސަތު ލިބިފަ އެވެ. އެގޮތުން މި މެޗުގައި ޖެހި ދެ ލަނޑާއެކު ޕްރިމިއާ ލީގުގައި މިހާތަނަށް އޭނާ ވަނީ 50 ލަނޑު ޖަހާފަ އެވެ. އަދި އޭނާ މި އަދަދަށް ލަނޑު ޖަހާފައިވަނީ ޖުމްލަ 76 މެޗުންނެވެ.
76 މެޗަށްވުރެ މަދު މެޗުން 50 ލަނޑު ހަމަކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އާލިން ހާލަންޑު އާއި އެންޑީ ކޯލް އާއި އެލަން ޝިއަރާ އާއި ރޫޑް ވެންނިސްޓެލްރޫއީގެ އިތުރުން ފެނާންޑޯ ޓޮރޭސް އާއި މުހައްމަދު ސަލާ އެވެ.
ސްވިޑަން އަށް އުފަން އިސާކް މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި 19 ލަނޑު ޖަހާފަ އެވެ. މިއީ އެއް ސީޒަނެއްގައި މިހާތަނަށް އޭނާއަށް އެންމެ ގިނައިން ލަނޑު ޖެހިފައިވާ ފަހަރެވެ.
މި މެޗުގެ ދެވަނަ ހާފުގައި ނޮޓިންހަމް އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ނިއުކާސަލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން މެޗުގެ 63 ވަނަ މިނިޓުގައި ނިކޮލާ މިލިންކޮވިޗް ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ.
ނޮޓިންހަމް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަޔާން ޔޭޓްސް އެވެ.