ޚަބަރު

ހޫޘީން އެމެރިކާގެ އަސްކަރިއްޔާއަށް މިސައިލް ހަމަލާއެއް ދީފި


ޔަމަނުގެ އީރާނުުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާޢަތް، ހޫޘީންގެ މިސައިލް ޙަމަލާއެއް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް ދީފައިވާ ކަމަށާއި، ނަމަވެސް އެ ޙަމަލާ އެ ބޯޓާ އަމާޒުނުވި ކަމަށް އެމެރިކާގެ ދެ އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފިއެވެ.

ނަމަވެސް، އެ ޙަމަލާދީފައިވަނީ ރަތް ކަނޑުގައި ނުވަތަ ޔަމަނުގެ ސަރަޙައްދުގައި ކަމެއް ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލުން ބުނެފައެއް ނުވެއެވެ.

މިއީ ހޫޘީންގެ ވައިގެ ޙަމަލާތައް އަމާޒުކުރުމުގެ ޤާބިލުކަން އިތުރުވި ކަމުގެ ހެއްކެއްގެ ގޮތުގައި އޭގެ ތެރެއިން އެއް އޮފިޝަލް ވަނީ ސިފަކޮށްފައެވެ.

ހޫޘީން ވެރިޔާ ޢަބްދުލް މަލިކް އަލް ހޫޘީ ފެބްރުއަރީ 13 ވަނަ ދުވަހު ޓީވީން މެދުވެރިކޮށް ދިން ތަޤުރީރުގައި ބުނީ، އެމެރިކާ އާއި ޔަހޫދީ ނިރުބަވެރި ދަޢުލަތުން، ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ގަދަބާރުން ބާލަން މަސައްކަތް ކުރާނަމަ، މިސައިލާއި ޑްރޯން މެދުވެރިކޮށް ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ޙަމަލާދޭނެ ކަމަށެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދިޔަ ޤަތުލުޢާންމު މެެދުކަނޑާލާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.

ނަމަވެސް، އެ އެއްބަސްވުމާ ޔަހޫދީން ވަނީ ތަކުރާރުކޮށް ޚިލާފުވެފައެވެ.

ޣައްޒާ އަލުން ބިނާކުރުމުގެ ނަމުގައި، އެތަނުން ފަލަސްޠީނުގެ ރައްޔިތުން ހުސްކޮށް، އެތަން އެމެރިކާއިން އަމިއްލަކޮށްލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާމެދު ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ނުރުހުންފާޅުކޮށް، އެ ވިސްނުން ކުށްވެރިކޮށްފައެވެ.

ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޢުދުވާނީ ޙަމަލާތަކުން ފަލަސްޠީނުގެ ރައްޔިތުން ދިފާޢުކޮށްދިނުމަށް ހޫޘީން ދަނީ ޔަހޫދީ ދައުލަތަށް އަމާޒުކޮށް ތަކުރާރުކޮށް ޑްރޯންނާއި މިސައިލު ޙަމަލާތައް ދެމުންނެވެ. އޭގެ އިތުރުން ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އަދި ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް ޙޫޘީން ދަނީ ޙަމަލާ ދެމުންނެވެ.